ބީއެމްއެލްއަށް ޑޮލަރު އިންވެސްޓްކޮށްގެން %25 އާ ހަމައަށް ފައިދާ ހޯދޭނެ އާ ނިޒާމެއް ތައާރަފްކޮށްފި
ރާއްޖޭން ބޭރުގެ ސައިޓުތަކުން މުދާ ގަތުމަށާއި ކާޑު މުއާމަލާތްތަކަށް ބޭނުންވާ ޑޮލަރު ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްނަގައިގެން ޑޮލަރުން އިންވެސްޓްކޮށްގެން %25 އާ ހަމައަށް ލޯކަލް ކަރަންސީ ނުވަތަ ރުފިޔާއިން ބޮޑު ފައިދާއެއް ހޯދޭނެ ހާއްސަ އިންވެސްޓްމަންޓް ޕޫލްތަކެއް މިއަދު ރަސްމީކޮށް ތައާރަފްކޮށްފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައި ތައާރަފްކުރި މި ހިދުމަތުގެ ދަށުން، ކަސްޓަމަރުން އިންވެސްޓްކުރާ ޑޮލަރަށްވާ ޝަރުއީ ރުފިޔާގެ އަދަދު ވަގުތުން އެމީހެއްގެ އެކައުންޓަށް ޖަމާވެގެންދާނެ އެވެ. އަދި އިންވެސްޓްމަންޓުން ލިބޭ ބޮޑު ފައިދާ ޖެހިގެން އަންނަ ދުވަހު ސީދާ ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ލިބޭނެ އިންތިޒާމު ބޭންކުން ވަނީ ހަމަޖައްސާފަ އެވެ.
މި އާ ހިދުމަތް ބޭންކުގެ މޯބައިލް އެޕްލިކޭޝަން އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް އޮންލައިންކޮށް ވަރަށް ފަސޭހައިން ބޭނުންކުރެވޭނެ އެވެ. ކޮންމެ ދުވަހަކުވެސް ތަފާތު މިންވަރަށް ފައިދާ ލިބޭ ގޮތަށް ހުޅުވާލާ މި ޕޫލްތަކުގެ މައުލޫމާތު ކަސްޓަމަރުންނަށް ފެންނަން ހުންނާނެ އެވެ. ބީއެމްއެލް އިން ބުނި ގޮތުގައި މިގޮތަށް ލިބޭ ޑޮލަރު އިންވެސްޓް ކުރެވޭނީ ބޭންކަށް ފީގެ ގޮތުގައި އާމްދަނީ ލިބޭ ކާޑު މުއާމަލާތްތަކާއި އީ-ކޮމާސް ރީޓެއިލް ވިޔަފާރިތަކަށެވެ. އެ ވިޔަފާރިތަކުން ލިބޭ އާމްދަނީން ހިންގުމުގެ ހަރަދު ކެނޑުމަށްފަހު، ބާކީވާ ބޮޑު ބައި ފައިދާގެ ގޮތުގައި އިންވެސްޓް ކުރި ފަރާތްތަކަށް ބަހާލުމަށް ވަނީ ނިންމާފަ އެވެ.
މި ހިދުމަތް ތައާރަފްކުރުމުގެ މައިގަނޑު ސަބަބާ ބެހޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ދިވެހިން ރާއްޖޭން ބޭރުގެ ސައިޓުތަކުން މުދާ ގަތުމަށާއި ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މަހެއްގެ މައްޗަށް ބޭނުންވާ ޑޮލަރުގެ އަދަދު 3.7 ގުނަ އިތުރުވެފައިވާ ކަމަށެވެ. މިހާރު އެވްރެޖްކޮށް މަހަކު 39.3 މިލިއަން ޑޮލަރު ބޭންކުން ވިއްކަމުންދާއިރު، ކޮންމެ މަހަކު 250،000 އަށް ވުރެ ގިނަ މީހުން ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެ އެވެ. މިއީ ރާއްޖޭގައި ޑިޖިޓަލް ބޭންކިން އާއި ކްރޮސް-ބޯޑަ އީ-ކޮމާސް ވިޔަފާރި އާދަޔާ ހިލަޔަށް ކުރިއަރަމުންދާ ކަމުގެ ހެއްކެކެވެ.
ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކާޑުގެ ވިޔަފާރިއަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ދާއިރާއެއް ނަމަވެސް، ވޭތުވެދިޔަ 36 މަސްދުވަހު އާންމުންގެ ބޭނުންތަކަށް ވިއްކި 1.6 ބިލިއަން ޑޮލަރުގެ ތެރެއިން %60 އަކީ ކާޑު މުއާމަލާތްތަކަށް ދޫކުރި ފައިސާ އެވެ. މި އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ، ބޭންކަށް ލިބޭ އާމްދަނީއަށް އެކަނި ބަރޯސާވެގެން މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ގިނަ ބައެއްގެ ޒަރޫރީ ބޭނުންތަކާ ގުޅިފައިވާ ކާޑުގެ ހިދުމަތްތަކަށް ބުރޫނާރާނެ ގޮތަކަށް، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށާއި، ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް މަންފާލިބޭނެ ހަމަހަމަ ނިޒާމެއް ގާއިމްކުރުމަކީ މި އިންވެސްޓްމަންޓް ޕޫލްގެ މައިގަނޑު މަގްސަދެވެ.
Ads by MACL
