ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން ފުރަތަމަ ކުއާޓަރުގައި ދެ ބިލިއަން ރުފިޔާ ހޯދައިފި

މީރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން ފުރަތަމަ ކުއާޓަރުގައި ދެ ބިލިއަން ރުފިޔާ ހޯދައިފި

އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ކުރި ވަރުގަދަ މަސައްކަތްތަކުން، ދައުލަތަށް ދެ ބިލިއަން ރުފިޔާ ހޯދައިފިއެވެ.

މިއީ މިއަހަރުގެ ކުރީކޮޅު އެ އޮތޯރިޓީން އާންމު ފަރާތްތަކާ މުއާމަލާތްކޮށްގެންނާއި، ޤާނޫނީ ފިޔަވަޅުތައް އަޅައިގެން ދައުލަތުގެ ބަޖެޓަށް ހޯދައިދިން ބޮޑު ކުރިއެރުމެކެވެ.

މީރާއިން އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކަށް ބަލާއިރު، މި ފައިސާގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއް ހޯދާފައިވަނީ ޑަނިންގ ނުވަތަ އެކި ގޮތްގޮތުން ބާރުއަޅައިގެން މުއާމަލާތް ކޮށްގެންނެވެ. އެ މަގުން އެކަނިވެސް 1.2 ބިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދާފައިވާއިރު، ޑިއުސް ކްލިއަރަންސްގެ ޚިދުމަތްތަކުގެ ތެރެއިން 617 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން ޓެކްސް ނުދައްކާ ތިބި ފަރާތްތަކަށް ފޯނުން ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ހަނދާންކޮށްދީގެން 151 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. އަދި ބޭންކް އެކައުންޓްތައް ފްރީޒްކުރުމުގެ ސިޔާސަތުގެ ދަށުން 13.5 މިލިއަން ރުފިޔާ ހޯދާފައިވާއިރު، ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކޮށްގެން 13.1 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ނަގާފައެވެ.

އެ އޮތޯރިޓީން ހާމަކުރި ގޮތުގައި ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޓެކްސް ބަޔާން ހުށަނާޅާ 10،701 ފަރާތަކަށާއި، ފައިސާ ދައްކާފައިނުވާ 5،776 ފަރާތަކަށް ވަނީ އެކަން ހަނދާންކޮށްދީ އެންމެ ފަހުގެ ނޯޓިސް ފޮނުވާފައެވެ. ނަމަވެސް، ޓެކްސް ދައްކަންޖެހޭ ފަރާތްތަކަށް ލުއިދިނުމުގެ ގޮތުން ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމުވެސް މީރާއިން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން 176 ފަރާތަކަށް ޖުމްލަ 256 މިލިއަން ރުފިޔާގެ ޓެކްސް ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.