ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައްޔިތުން ތިބީ އުފަލުން، ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް: ޝުޖާއު

މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ----
މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ----

ރާއްޖޭގެ މިހާރުގެ އިގްތިސާދީ އަދި މާލީ ހާލަތާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުންދިޔަ ނަމަވެސް، މި ގައުމުގައި ކަންބޮޑުވެގެން އުޅޭ އެއްވެސް ރައްޔިތަކު ނެތް ކަމަށާއި އެންމެންވެސް ތިބީ ވަރަށް "ހެޕީކޮށް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެވުނު އިސްލާހާ ގުޅޭގޮތުން މަޖިލީހުގައި ބަހުސް ކުރައްވަމުން ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ މެންބަރު ޝުޖާއު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެއްވެސް މެދުކެނޑުމެއް ނެތް ގޮތެއްގައި ފޯރުކޮށްދެވެމުންދާ ކަމަށެވެ.

އެގޮތުން ބޭސްފަރުވާގެ ހިދުމަތްތަކާއި ކާޑުގެ ބާވަތްތައް އާންމުންނަށް އެއްވެސް ދަތިކަމެއް ނެތި ލިބެމުންދާކަން ފާހަގަކުރައްވައި، ޝުޖާއު ވިދާޅުވީ ދަރިންގެ ސްކޫލް ފީ ދެއްކުމަށާއި ބޭސްފަރުވާގެ ޒަރޫރީ ކަންކަމަށް ބޭންކުތައް މެދުވެރިކޮށް ބޭނުންވާ ޑޮލަރުވެސް ރައްޔިތުންނަށް ބަރާބަރަށް ލިބެމުންދާ ކަމަށެވެ. ގައުމުގެ ހާލަތާ މެދު އިދިކޮޅު އެމްޑީޕީން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި އޭނާ ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާ މާރުކޮށް އިގްތިސާދަށް ނެރުމުގެ ސަބަބުން ގައުމުގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވި ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ދަނީ އެ ނާޒުކު ހާލަތުން ގައުމު ސަލާމަތްކޮށް، އިގްތިސާދު އަލުން ހަމަމަގަށް އަޅުވަމުން ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މީގެ އިތުރުން ސިނގިރޭޓުގެ އަގަށް ގެނެވުނު ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ބާރަށު ދާއިރާގެ މެންބަރު ވިދާޅުވީ، މީގެ ކުރިން މި ބިލު ބަލައިގަތުމަށް ވޯޓު ނުދީ ފިލި މެންބަރުންނަށްވެސް މިއަދު މި އިސްލާހަށް ވޯޓު ދޭން މަޖުބޫރުވާނެ ކަމަށެވެ. ސިނގިރޭޓު ފޮށްޓެއްގެ އަގު 250 ރުފިޔާއަށް މަތިންދިޔަ ނަމަވެސް، މި ގެނެވޭ ބަދަލާއެކު އަގުތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދަތިވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން، އިދިކޮޅުން ކިތަންމެ ފާޑުކީ ނަމަވެސް ގައުމުގެ ހަގީގީ ހާލަތު ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ވާހަކަ ނިންމަވާލައްވާފައެވެ.