މޭރީގެ މަރުގެ މައްސަލަ: ކުށް ސާބިތުވި ފިރިމީހާ މާވިން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް ބޮލަށް ދިން އަނިޔާތަކެއްގެ ސަބަބުން މަރުވި މައްސަލާގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މޭރީ އެނގިހުރެ މަރާލިކަމުގެ ކުށް މާވިންގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ކުރިން ކަނޑައަޅާފައިވާއިރު، މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަކީ އޭނާއަށް ދޭނެ އަދަބެއް ކަނޑައެޅުމަށް ބޭއްވި މަޖިލީހެކެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ މާވިންއަށް ގާނޫނުންދެވޭނެ އެންމެ ބޮޑު އަދަބު ދިނުމަށް އެދިފައެވެ. ދައުލަތުން ފާހަގަކުރި ގޮތުގައި މާވިންއަކީ މޭރީގެ ފިރިމީހާގެ އިތުރުން އެ ދެމަފިރިންގެ ދަރިފުޅުގެ ބައްޕައަށް ވެފައި، އޭނާއަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ނަރުހަކަށް ވާއިރުވެސް، މި މަރުގެ އަމަލު ހިންގާފައިވަނީ އެއްވެސް ރަހުމެއް އަދި ކުލުނެއް ނެތިގޮތެއްގައެވެ.
އަދަބާ ގުޅޭގޮތުން ވާހަކަދައްކަން ކޯޓުން ފުރުސަތު ދިނުމުން، މި މައްސަލާގައި އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް މާވިން ވަނީ ބުނެފައެވެ. މި މައްސަލައިގެ ތަހުގީގު ހިނގަމުންދިޔަ ދުވަސްވަރުން ފެށިގެން ހުކުމް އިއްވުމާ ހަމައަށްވެސް މާވިން ހުރީ ދައުލަތުގެ ބަންދެއްގައެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މޭރީ މަރާލަން މެދުވެރިވީ މާވިން އާއި އޭނާއާ އެކު އައިޖީއެމްއެޗްގައި މަސައްކަތް ކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާނާ ދެމެދު އޮތް ލޯބީގެ ގުޅުމުގެ ތެރެއިން އުފެދުނު ކަންތައްތަކެއްގެ ސަބަބުންނެވެ. މި މައްސަލާގައި މާވިންގެ މައްޗަށް މީހަކު މެރުމުގެ ކުށް ސާބިތުވިއިރު، އޭނާގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށްވެސް މި މަރުގައި ބައިވެރިވުމުގެ ކުށާއި އެހެނިހެން ދައުވާތައް ސާބިތުވެ، އޭނާއަށް ދޭނެ އަދަބެއް ކަނޑައެޅުންވެސް މިއަދަށް ވަނީ ތާވަލުކޮށްފައެވެ.
މި މައްސަލާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އައި މާވިންއާ ގުޅޭގޮތުން އެނގިފައިވާ އިތުރު މަޢުލޫމާތަކަށް ބަލާއިރު، ޖަލު ބަންދުގައި ހުރި ދުވަސްވަރު އޭނާ ވަނީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން "ޔޫސުފް" ގެ ނަމަށް ބަދަލުކޮށްފައެވެ. މި ބަދަލު އޭނާގެ ފަރާތުން ކުރިން އިސްލާމިކް މިނިސްޓްރީއަށްވެސް ރަސްމީކޮށް އަންގާފައިވެއެވެ.
Ads by MACL
