ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެކްސް ކާޑު ގެންގުޅޭ ފަރާތްތަކަށް ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ރީތި ފުރުސަތެއް ބީއެމްއެލްއިން ހުޅުވާލައިފި

އެމެކްސް ކާޑު ގެންގުޅޭ ފަރާތްތަކަށް ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ރީތި ފުރުސަތެއް ބީއެމްއެލްއިން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް އަދި އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް، ދުނިޔޭގެ އެންމެ މަގުބޫލު އެއް ކުޅިވަރު ކަމަށްވާ ފޯމިއުލާ 1 ގެ ސިންގަޕޫރު އެއާލައިންސް ގްރޭންޑް ޕްރީ 2026 ސީދާ ރޭސް ޓްރެކުން ތަޖުރިބާކޮށްލުމުގެ ރެދަން ފުރުސަތެއް ހޯދައިދިނުމަށް ބޭންކުން ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވެނީ ރާއްޖޭގެ އެކި ވިޔަފާރިތަކުން ބީއެމްއެލްގެ މި ދެ ކާޑު ބޭނުންކޮށްގެން މުއާމަލާތްތައް ހިންގާ ކަސްޓަމަރުންނަށެވެ. މުއްދަތު ހަމަވުމުން ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަކަށް، އިތުރު ބައިވެރިއަކާއެކު މި ހިތްގައިމު ދަތުރުގައި ބައިވެރިވުމުގެ ނަސީބު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރިޔާއަށް ދިނުމަށް ހަމަޖެހިފައިވާ ރެދަން އިނާމުތަކުގެ ތެރޭގައި، ރޭހުގެ ތިން ދުވަހުގެ ފުރިހަމަ އެކްސެސްއާއެކު ލިބޭ އެމެކްސް ސްކައި ސޫޓުގެ ދެ ޓިކެޓާއި، ދެ މީހުންގެ ދެކޮޅު ވައިގެ ދަތުރުފަތުރުގެ ޓިކެޓުގެ އިތުރުން ސިންގަޕޫރުގައި ހުންނާނެ ހޮޓެލް އެކޮމޮޑޭޝަން ވެސް ބޭންކުގެ ފަރާތުން ފޯރުކޮށްދޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރާ ގޮތުގައި މިއީ އެ ބޭންކުގެ ކަސްޓަމަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ތަފާތު މަންފާތަކާއި، އަގުހުރި އަދި ދިރިއުޅުމުގައި މަދުން ނޫނީ ދިމާނުވާނެ ފަދަ އާދަޔާ ހިލާފު ތަޖުރިބާތަކެއް ކަސްޓަމަރުންނަށް ހޯދައިދިނުމަށް އެ ބޭންކުން މެދުކެނޑުމެއްނެތް ގޮތެއްގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވާލެވުނު ފުރުސަތެކެވެ.