ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލައިފި

ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލައިފި

ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 ވާ ހޮނިހިރު ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެޕްރީލް 4 ވަނަ ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި އިންތިޚާބަށް ހުޅުވާލުމުންވެސް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، ޤާނޫނުގައިވާ ގޮތުގެ މަތިން އަލުން އިންތިޚާބު ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ސުންގަޑިއަކީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އިދާރީ ފީ ދައްކަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ.

ފޯމު ހުށަހެޅުމުގެ އިންތިޒާމުތަކަށް ބަލާއިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. އަދި ހުކުރު ދުވަހު ނަމަ މެންދުރުފަހު 15:30 އިން ހަވީރު 18:00 އަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އަންނަ މަހުގެ 22 ގައި ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. ކެންޑިޑޭޓުންގެ ހުށަހެޅުންތަކާ މެދު ނިންމާ ގޮތްވެސް އަންގާނީ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ.