ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޭރީގެ މަރުގެ މައްސަލަ: ލަމްހާ 15 އަހަރަށް ޖަލަށް

މޭރީގެ މަރުގެ މައްސަލަ: ލަމްހާ 15 އަހަރަށް ޖަލަށް

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި އޭނާގެ ފިރިމީހާ މާވިންއާ ބައިވެރިވިކަން ސާބިތުވެފައިވާ ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ. މި މައްސަލާގައި މާވިންއާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވާކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

މިއަދު ބޭއްވި އަދަބު ކަނޑައެޅުމުގެ މަޖިލީހުގައި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް 25 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު، ލަމްހާގެ މައްޗަށް އިއްވީ 15 އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، މި މައްސަލާގައި މިހާތަނަށް ބަންދުގައި 3 އަހަރާއި 5 މަހާއި 25 ދުވަސް ލަމްހާ ހޭދަކޮށްފައިވާތީ، އޭނާ ދެން ޖަލުގައި ހުންނަން ޖެހޭނީ 11 އަހަރާއި ބައެވެ.

ދައުލަތުން މި މައްސަލާގައި އެދިފައިވަނީ ލަމްހާގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. އެގޮތުން ލަމްހާ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރު އެފަދަ ނޭދެވޭ އަމަލެއް ހިންގާފައިވާކަމާއި، މިއީ ދުރާލާ ރާވައިގެން ހިންގާފައިވާ ރަހުމުކުޑަ އަމަލެއްކަން ދައުލަތުން ފާހަގަކުރިއެވެ. މި އަމަލުގެ ސަބަބުން މޭރީގެ ދަރިފުޅު ބޭރު ގައުމެއްގައި ނިކަމެތިވެ، މައިވަންތަކަމުގެ ލޯބިން މަހުރޫމްވެފައިވާކަންވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

މޭރީ މަރާލާފައިވަނީ މާވިންއާއި ލަމްހާއާ ދެމެދު އޮތް ލޯބީގެ ގުޅުން ކުރިއަށް ގެންދިއުމުގެ މަޤްސަދުގައިކަން ދައުލަތުން ހުށަހެޅި ހެކިތަކުން އެނގެން އޮތްއިރު، މޭރީގެ މަރު ފޮރުވަން ލަމްހާ މަސައްކަތް ކޮށްފައިވާކަންވެސް ޝަރީޢަތަށް ވަނީ ސާބިތުވެފައެވެ. އެހެންކަމުން ލަމްހާ މިކަމުގައި އަދާކުރި ދައުރަށް ބަލައި އަދަބުގެ ދަރަޖަ މަތިކުރަން ޖެހޭ ކަމަށް މައްސަލަ ބެއްލެވި ޤާޟީ ވަނީ ނިންމަވާފައެވެ.

އަދަބު ކަނޑައެޅުމުގައި ލުއިތަކެއް ދިނުމަށް ލަމްހާގެ ފަރާތުން އެދުނު ނަމަވެސް، ޤާޟީ ވިދާޅުވީ މި މައްސަލައިގެ ބާވަތަށް ބަލާއިރު އަދަބު ލުއިކޮށްދޭންޖެހޭ އެއްވެސް ޤާނޫނީ ހާލަތެއް ނެތް ކަމަށެވެ. މި މައްސަލައަކީ ރާއްޖޭގައި މަސައްކަތް ކުރި ބޭރުގެ ނަރުހަކު މަރާލި ހާދިސާއަކަށް ވުމުން މުޅި މުޖުތަމައުގެ ސަމާލުކަން މި މައްސަލައަށް ވަނީ ހުއްޓިފައެވެ.