ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެސްޓީއޯއިން ހިންގި ބޭސްފިހާރަތައް "ސްޓޭޓްފާމާ" އަށް ބަދަލުކޮށް، ޚިދުމަތް ދޭން ފަށައިފި

އެސްޓީއޯއިން ހިންގި ބޭސްފިހާރަތައް "ސްޓޭޓްފާމާ" އަށް ބަދަލުކޮށް، ޚިދުމަތް ދޭން ފަށައިފި
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައި ބޭސްފިހާރަތައް ރަސްމީކޮށް "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން" (ސްޓޭޓްފާމާ) ގެ ދަށަށް ބަދަލުކޮށް، އެ ކުންފުނީގެ ދަށުން ޚިދުމަތް ދޭން ފަށައިފިއެވެ. ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައެވެ. މި ބަދަލާއެކު އެސްޓީއޯއިން ހިންގަމުން އައި 193 ފާމަސީއެއް މިހާރު ވަނީ ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ، ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް ގުނާ މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ބޭހުގެ ސްޓޮކް ބެލެހެއްޓުމަށް ބޭނުންވާ ސިސްޓަމްތައް ބަހައްޓައި، އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ލައިވްކޮށް ސްޓޮކް އިނގޭނެ. ހުރިހާ ފާމަސީގެ ސިސްޓަމްއާއި ހުރިހާ ރަޖިސްޓްރީތައް ސްޓޭޓް ފާމަ ދަށަށް ބަދަލުވާނެ. މިހާރު ކުރަމުންދަނީ އެޑްމިނިސްޓްރޭޝަން މަސައްކަތްތައް،" ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ ބޭސް ގެނައުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ޝާހް މާހިރު ވިދާޅުވީ، އެސްޓީއޯއިން ކުރިން އޯޑަރުކޮށްފައިވާ ބޭސްތައް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން ނުލިބޭ ބޭސްތައް ދެނެގަނެ، އެ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ދުރާލާ ބޭސް ހޯދުމުގެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްޓޭޓްފާމާއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި، ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ތެރެއިން އެސްޓީއޯގައި ރަޖިސްޓްރީކޮށްފައިވަނީ އެންމެ 25 އިންސައްތަ ބޭހެވެ. އެހެންކަމުން، މުޅި ނިޒާމަށް ހައްލެއް ގެނައުމަށްޓަކައި އަމިއްލަ ފަރާތްތަކާ ގުޅިގެން ބޭހުގެ އަގުތައް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ކުރިން ވަނީ ހާމަކޮށްފައެވެ.

ދައުލަތުގެ ބޭސް ކުންފުނިން މިހާރުވެސް ދަނީ ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ބޭހުގެ ޚިދުމަތަށް ޚާއްސަ ހޮޓްލައިން ނަންބަރު 1050 ގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ. އާސަންދައިގެ ދަށުން ލިބޭ ބޭހާއި، އާންމުކޮށް ނުލިބޭ ބޭސްތައް އިޖްތިމާޢީ އެހީގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާނެ ކަމަށް ސްޓޭޓްފާމާއިން ވިދާޅުވެއެވެ.