އިންގްލެންޑުގެ ކުޅުންތެރިންނަށް ކޯޗު ޓުޗެލްގެ އިންޒާރެއް؛ ސަމާލުވާތި، ކޮންގޯ އަކީ ގޮތް ނޭންގޭ ޓީމެއް
ޑީއާރު ކޮންގޯއާ ދެކޮޅަށް ކުޅޭ މެޗުގައި ކެތްތެރިކަން އިސްކުރުމަށާއި، އަވަހަށް ލަނޑެއް ނުޖެހުނު ކަމުގައިވިޔަސް މާޔޫސްނުވެ ކުޅުމަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އޭނާގެ ކުޅުންތެރިންނަށް އިރުޝާދު ދީފިއެވެ.
ޓުޗެލް ބުނީ އިދިކޮޅު ޓީމަކީ ވަރަށް ބޮޑަށް ރޭވިގެން ޑިސިޕްލިންއާއެކު ޑިފެންސް ކުރާނެ ޓީމެއް ކަމަށް އުންމީދުކުރާ ކަމަށެވެ.
"ޝައްކު ނުކުރޭ، ކެތްތެރިކަމާއެކު ހަމަޖެހިލައިގެން ތިބޭ. ކޮންގޯ އަކީ ގޮތް ނޭންގޭ ޓީމެއް. އެއީ ރަނގަޅު ޑިސިޕްލިންއާއެކު ޑިފެންސް ކުރާނެ އުނދަގޫ ވާނެ ޓީމެއް. ފުޓްބޯޅައަށް އޮތް އިތުބާރު ދަމަހައްޓަންވާނެ،" ޓުޗެލް ބުންޏެވެ.
Ads by BMLމި މުބާރާތް ކާމިޔާބުކުރާނެ އެންމެ ފޭވަރިޓުންގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމުން ކުރިމަތިވާ ޕްރެޝަރަކީ ލިބޭ ޝަރަފެއްގެ ގޮތުގައި ޓުޗެލް ވަނީ ސިފަކޮށްފައެވެ. އޭނާ ބުނީ ޓީމުގެ އަމާޒަކީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ބަލާ ކުޑަކުދިންނަށް ހިތްވަރުދީ، ހިތްވަރާއި ފޯރިއާއެކު ކުޅުން ދެއްކުން ކަމަށެވެ.
މީގެ އިތުރުން، ޔޫރަޕްގެ ބޮޑެތި ބައެއް ބާރުތައް މިހާރުވެސް މުބާރާތުން ކަޓާފައިވާކަން ހަނދާންކޮށްދެމުން، އިނގިރޭސި ޓީމުން އެއްވެސް ވަރަކަށް ފަރުވާކުޑަކޮށްގެން ނުވާނެ ކަމަށް ޓުޗެލް ވަނީ އިންޒާރު ދީފައެވެ.
Ads by MACL
