ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގެ ފްލެޓެއްގައި އަލިފާން ރޯވެ ދެ މީހަކަށް އަނިޔާވެއްޖެ

އަނދާހުލިވި އެޕާޓްމެންޓް ---
އަނދާހުލިވި އެޕާޓްމެންޓް ---

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފްލެޓް ނަންބަރު 110 އެއްގައެވެ. އަދި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 1:07 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކީ އަލިފާނުގެ ސަބަބުން އަތް ފިހުނު ފިރިހެނެކެވެ. އަދި ދެން ހުރި މީހާއަށް ފަރުވާ ދެމުންދަނީ ހާދިސާގެ ތެރޭގައި އުފެދުނު ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވެގެން ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.

ފްލެޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ފުލުހުންނާއި އެ ސަރަހައްދުގެ އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުންނެވެ. ނަމަވެސް، އަލިފާން ރޯވި އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއްވެ، މިވަގުތު އެތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ގުޅިގެން ފުލުހުން ދަނީ ކުރަމުންނެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.