ވާހަކަ: ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ ( 13 ވަނަ ބައި )
ކަލާ ލިބޭތޯ އުމުރަށް ކުރާމީ ދުޢާ... (13 ވަނަ ބައި)
ހާސްވެގެން ގޮސް އިނށީދެގެން އިންނަން އުނދަގޫވުމުން ކޮޅަށް ތެދުވެ އަނެއްކާވެސް ދެކޮޅަށް ހިނގަންފެށީ ދެން ހަދާނެ ގޮތަކާމެދު ވިސްނަމުންނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އެނދުމަތީގައި އޮތް ފޯނު ނަގަމުން އަނެއްކާވެސް ޒައިހާއަށް ގުޅޭތޯ މިކްދާދް ބެލިއެވެ. ތިންވަނަ ފަހަރަށް ގުޅިތަނާ ޒައިހާ ފޯނު ނަގަމުން މަޑުމަޑުން ހެލޯއޭ ބުނެލިއެވެ. ޒައިހާގެ އަޑުގައިވީ މަޑުމޮޅިކަން ވަގުތުން މިކްދާދްއަށް ފާހަގަކުރެވުނެވެ. އައިސްފައިހުރި ގަދަ ރުޅިގަނޑުވެސް އެއަޑު އިވިފައި ފިނިވެގެން ދިޔައެވެ. އެނދުމަތީގައި އިނށީދެލުމާއެކު ނުހަނު ލޯބިން އޭނާ ޒައިހާއަށް ގޮވައިލިއެވެ. "ޒައި ރޮނީތަ؟" ޒައިހާ ނޯށްދަމައިލި އަޑުއިވިފައި މިކްދާދްގެ ހިތަށް ތަދުވިއެވެ. ޒައިހާ މަޑުމަޑުން އިނދެ ރޮނީކަން އެނގުމުން މިކްދާދްއަށް ނިތުގައި ފިރުމައިލެވުނެވެ. "ޒައި، ޕްލީޒް ނުރޮއެ، ޒައި ރޯތަން ދެކޭކަށް އަހަންނަކަށް ކެތެއްނުވޭ." އިރުކޮޅެއްގެ ހިމޭންކަމަށްފަހު މިކްދާދް ބުނެލިއެވެ. އެހެނަސް އެ އޯގާތެރި އަޑު އިވިފައި ޒައިހާގެ ރުއިން އިތުރަށް ބާރުވުން ނޫން ކަމެއް ނުވިއެވެ. ބައެއްފަހަރު ދެރަވެފައި ހުންނަ ވަގުތަކު ގާތް މީހެއްގެ ފަރާތުން ލިބޭ އޯގާތެރިކަމަކީވެސް އިންސާނާއިތުރަށް ބަލިކަށިކޮށްލާ ކަމަކަށް ވެދެއެވެ.
Ads by BML
"ޒައި، ހަމަޖެހިފަ މިކަމަށް ހައްލެއް ހޯދަން ހިނގަބަލަ. އަދިވެސް ވަގުތު ފާއިތެއްނުވޭ. އަހަރެން އާދޭސްކޮށްފަ ބުނަން، ޒިވްރާ ގާތުގަ އަހަރެމެންގެ ވާހަކަ ބުނެބަލަ. މޭބީ ޝީ ކެން ހެލްޕް އަސް" މިކްދާދް ބެލީ މަޑުމައިތިރިކަމާއެކު ޒައިހާ އަށް ވިސްނައިދެވޭތޯއެވެ. އެއްވެސް ވަރަކަށް ހިތްވަރު އެލުވާލާކަށް އޭނާ ބޭނުމެއް ނުވެއެވެ.
"އައި އެމް ސޮރީ ދާދު، އައި ކާންޓް.. ޕްލީޒް ދާދު އަންޑަރސްޓޭންޑް ވެބަލަ. ތީ ދާދު ހީކުރާހާ ފަސޭހަކަމެއް ނޫނޭ. އަހަރެންގެ މަގާމުގަ ހުރިނަމަ ދާދު އަށްވެސް މިބުނާ އެއްޗެއް ވިސްނޭނީ. ދޮންތި ބޭނުންވޭ ދާދުއާ ކައިވެނި ކުރަން. މިކައިވެންޏަށް ރުހިގެން ދޮންތި ހުއްޓަ އަހަރެން ތިކަހަލަ ވާހަކައެއް ދެއްކީމަ ކިހިނެއްވާނީ؟ ދޮންތި އެދުނީ ދޮންތިއަށްޓަކާ އަހަރެން ވެސް މި ކައިވެންޏަށް ރުހެން. ހުރިހާ އެންމެންގެ އުފާވެރިކަން ގުޅިފަވަނީ މި ކައިވެންޏާ. ވީއިރު.. އަހަރެން.. ކިހިނެއް؟" ގިސްލަމުން ޒައިހާ ވާހަކަދެއްކިއެވެ. ހިތްވަރުކުރަން ބޭނުންވި ނަމަވެސް އެކަން ކުރުން ޒައިހާއަށް ފަސޭހަކަމަކަށް ނުވެއެވެ. މިކްދާދަށް އޭނާގެ ހާލަތު ވިސްނޭނެ ނަމައެވެ.
"ދެން.. ދެން ޒައިހާ ތިބުނަނީ އަހަރެން ޒައިހާގެ ދައްތައާ އިންނާށޭތަ؟" ޒައިހާގެ ވާހަކަ ހުރިގޮތުން ހިތްހަމަނުޖެހިފައި މިކްދާދަށް ބުނެވުނެވެ. އެހައި ފަސޭހައިން ޒައިހާ އޭނާ އާއި އޮތް ގުޅުން ކަނޑަލަފާނެކަމަށް މިކްދާދް ހިއެއް ނުކުރެއެވެ. އޭނާއާ ދުރުވުން ޒައިހާއަށް ހަމަ އެހައިވެސް ފަސޭހަކަމަކީ ހެއްޔެވެ؟
"އެ ނޫން ގޮތެއް އެބަ އޮތްތަ؟" ނޭފަތް ދަމައިލަމުން ޒައިހާ ބުނެލިއެވެ.
"އެބަ އޮތް، ކިތަންމެ ގޮތެއް އެބަ އޮތް. އެކަމަކު ޒައިހާގެ ފިނޑިކަމުން އެއިން ކަމެއް ކުރެވެން ނެތީ. ނިކަން ހިތްވަރުކޮށްފަ އަހަރެމެންގެ މި ލޯތްބަށްޓަކާ ތެދުވެބަލަ" ހަރުކަށިކަން މިކްދާދްގެ އަޑުގައިވިއެވެ. ރުޅި އިސްކުރަން ބޭނުން ނުވި ނަމަވެސް އޭނާއަށް އެ އިހުސާސުތައް ކޮންޓްރޯލެއް ނުކުރެވުނެވެ. "ޕްލީޒް ދާދު" ޒައިހާ އަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނީ ކަންނޭނގެއެވެ. "ޒައިހާ އަށް މިކައިވެނި ކުރާށޭ ބުނަން ހާދަ ފަސޭހައޭ ދޯ. އެއްފަހަރުވެސް އަހަންނާ ދޭތެރޭ ވިސްނާލިންތަ؟ ލޯބިނުވާ މީހަކާ އިނދެގެން އަހަރެން އުޅޭނީ ކިހިނެއް؟ އެވެސް އަދި ޒައިހާގެ އަމިއްލަ ދައްތައާ. ކެތްވާނެތަ އަހަރެން ޒިވްރާ ގޮވައިގެން އުޅޭތަން އަބަދާ އަބަދު ބަލަން. ޒިވްރާއަކީ އަހަރެންގެ އަނބިމީހާއޭ ބުނާއަޑު އަހަން. ޅިޔަނެއްގެ ގޮތުގަ އަހަރެން ބަލައިގަންނަން. ޒައިހާގެ އެއްބަނޑު އެއްބަފާ ދައްތަ ގައިގަ އަހަރެން ލޯބިން ފިރުމާތަން ދެކެން. ބުނެބަލަ. ޒައިހާ އަށް ފަސޭހަވާނެތަ އުމުރަށް އެމަންޒަރުތައް ދެކެން ދުރުގަ ހުންނަން؟" ދަތްކުނޑި ވިކައިލަމުން މިކްދާދް ރުޅިގަދަވެފައި އަހައިލިއެވެ. އެ ވާހަކަތަކުން ޒައިހާގެ ހިތް އިތުރަށް ޒަޚަމްވެ، ލޭ އޮހޮރިގެން ދިޔައިރު، އޭނާގެ ރުއިން ވެސް އިހުނަށްވުރެ ބާރުވެލިއެވެ. "ދާދު ސްޓޮޕް އިޓް. ތި ވާހަކަތައް އަޑުއަހަން އަހަންނަށް އުނދަގޫވާނެވަރު ނުވިސްނެތީތަ؟ ގަސްދުގަ އަހަރެންގެ ހިތް އިތުރަށް ޒަޚަމް ނުކޮށްބަލަ؟" އާދޭހުގެ ރާގަކަށް ޒައިހާ ބުންޏެވެ.
"ހުއް، ތިވަރުންތަ ތިބުނަނީ އަހަރެން ޒިވްރާއާ ކައިވެނި ކުރާށޭ. ވާހަކައެއް އަޑުއަހަން ކެތްނުވާއިރު، އެފަދަ މަންޒަރެއް ފެނުމުން ޒައިހާއަށް ވާނެގޮތް ވިސްނަބަލަ"
"އަހަރެންގެ މަޖުބޫރީ ހާލަތު އަންޑަރސްޓޭންޑް ވެބަލަ، ހެޔޮނުވާނެ ދާދު. އާދޭސްކޮށްފަ ބުނަން"
"ދެން އިތުރަށް އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން. ޒައިހާ ތިހާ ވަރުން އަހަރެން އެހެން މީހަކާ ނުދެވިގެން އުޅެންޏާމުން އަހަރެން މި ކައިވެނި ކޮށްފާނަން. އެންމެ ރަނގަޅެއްނު. މިއަދުން ފެށިގެން އަހަންނަށް ޅިޔަނެއްގެ ލަޤަބު ދޭން ޒައިހާ ތައްޔާރުވޭ" ރުޅިގަދަވެގެން ބާރަށް ހަޅޭއްލަވައި ގަތުމަށްފަހު މިކްދާދް ފޯނު ކަނޑައިލިއެވެ. އިތުރަށް ޒައިހާއާ ވާހަކަދައްކައިގެން އެ މައްސަލަ ހައްލުކުރުމުގެ ޚިޔާލު އޭނާ ދޫކޮށްލީއެވެ. އެކަމުން އެއްވެސް އެދެވޭ ނަތީޖާއެއް ނުލިބޭނޭކަން އޭނާއަށް އެންމެފަހުން ވިސްނުނީއެވެ. ކިތަންމެ ވަރަކަށް ހިތްވަރުދިން ނަމަވެސް އަމިއްލަ ނަފުސަށްޓަކައި ޒައިހާއަށް ތެދުވަން ނުކެރޭނެކަން މިކްދާދަށް މިހާރު އެނގިއްޖެއެވެ. ޒައިހާއާ ދިމާލަށް ކޮންމެ އެއްޗެއް ބުނި ނަމަވެސް، އެހައި ފަސޭހައިން އޭނާ ހިތްވަރު އެލުވައެއްނުލާނެއެވެ. ހުރިހައި ކަމެއް އެކަނި ކުރަންޖެހުނަސް، އެ ކައިވެނި ހުއްޓުވެން އޮތް ކޮންމެ ކަމެއް އޭނާ ކުރާނެއެވެ. އެހެނަސް އެކަން އޭނާ ކުރަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކީއެވެ. އެނދުމަތީގައި އޮށޯވެލުމަށްފަހު ދެލޯ މަރައިލަމުން މިކްދާދް އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. ކަންކަން ރާވާ ވިސްނާލަން އޭނާ ވަގުތުކޮޅެއް ބޭނުންވެއެވެ. ނަމަވެސް މިވަގުތު އޭނާ އޮތީ އެއްވެސް ކަމެއް ރަނގަޅަށް ވިސްނޭފަދަ ހާލަތެއްގައެއް ނޫނެވެ. އެހެންކަމުން ގޮތެއް ނިންމަން ފަހަށް ދޫކޮށްލުމަށްފަހު، ހަށިފުރާ ފުންނޭވާއެއް ދޫކޮށްލަމުން އެނދުމަތީގައި އޭނާ ހަމަޖެހިލިއެވެ.
*****
މިކްދާދްގެ ހަރުކަށި ބަސްތައް ސިކުނޑީގައި ތަކުރާރުވަމުންދިޔަ ވަރަކަށް ޒައިހާގެ ގިސްލުން ދިޔައީ ބާރުވަމުންނެވެ. މިކްދާދް އާއި ޒިވްރާގެ ކައިވެންޏަކީ ދެކެން ފަސޭހަ މަންޒަރެއް ނޫން ވިޔަސް އޭނާ ޖެހޭނީ ކެތްކުރާށެވެ. ދޮންތަގެ ފަރާތުން ރަންކިޔުމުގެ ތާރީޚު އެނގުމަށްފަހު ޒައިހާގެ ހިތްވަނީ ފިސްފިސްވެފައެވެ. އުއްމީދު ގެއްލި ހިތްވަރު އެލިއްޖެއެވެ. ދޮންތަ ހުރީ ކައިވެންޏާމެދު އުފަލުންކަން އެނގި، އެ އުފާވެރިކަން ގެއްލިދާނެފަދަ ކަމެއް ކުރާކަށް ޒައިހާއަށް ހިލާ ނުކެރުނެވެ. އެތައް ފަހަރު ހިތްވަރުކުރި ނަމަވެސް، އެންމެ ފަހު ވަގުތު މީހާ ފިނިވެ ބަސްހުއްޓޭގޮތް ވަނީއެވެ. އޭނާގެ ސަބަބުން ޒިވްރާއަށް ދެރައެއް ލިބިދާނެއޭ ހީވެ ފަސްޖެހެވެނީއެވެ. ޒިވްރާއަށްޓަކައި އަމިއްލަ ލޯބި ގުރުބާން ކުރަން ޖެހުނަސް އޭނާގެ ފަރުވާލެއް ނެތެވެ. ޒިވްރާގެ އުފާވެރިކަން އޭނާއަށް އެހެން ހުރިހާ ކަމަކަށްވުރެ މުހިންމެވެ. މިކްދާދް ކިތަންމެ އާދޭސްކުރި ނަމަވެސް، އެ ފިޔަވަޅު އަޅަން އޭނާއަށް އެހައި އުނދަގޫވެގެން އުޅޭ ސަބަބަކީ އެއީއެވެ. މި ނޫން ގޮތެއްނެތޭ ވިސްނި، ހަތަރެސްފަރާތުން މާޔޫސްކަން ވަނީ ވަށާލާފައެވެ. އެތައް އިރަކު ރުއިމަށްފަހު އެންމެފަހުން ޒައިހާއަށް ވަރުބަލިވެގެން ގޮސް ނިދުނީއެވެ. ނިދީތެރޭގައި މަޑުމަޑުން ގިސްގެ އަޑު އެތުންފަތް ފޫއަޅުވާލުމަށްފަހު ބޭރުވަމުންދިޔައީ އެހިތުގެ ހާލަތު ބަޔާންކޮށްދެމުންނެވެ.
*****
ދެ ދުވަސް ފަހެވެ. އިޝްޔާގެ އޮޕަރޭޝަން ކުރަން ހަމަޖެހިފައި އޮތް ދުވަސްކަމުން ޒިވްރާއަށް ވެސް ލިބިފައިވީ ބަޔާންކުރަން ދަތިވާފަދަ ނުތަނަވަސްކަމެކެވެ. ހެނދުނު މިކްދާދް ގުޅާފައި ވަރަށް މުހިންމު ވާހަކައެއް ދައްކަން ބައްދަލުކޮށްލަން އެދުމުންވެސް، އެކަން ފަސްކޮށްލުމަށް ޒިވްރާއަށް އެދެވުނީ އެހެންވެއެވެ. މިހާ މުހިންމު ދުވަހަކު ކޮންމެހެން ހަދައިފައިވެސް އިޝްޔާ އާއި އަޒާންއާ އެކުގައި ވުމަށް އޭނާ ބޭނުންވެއެވެ. ތައްޔާރުވާން ހުރިއިރުވެސް އެހިތް ތެޅެމުންދިޔައީ، އިހުސާސު ކުރެވެމުންދިޔަ ހާސްކަމަކުންނެވެ. ނޭވާލާން ވެސް ބައެއްފަހަރު އުނދަގޫވާހެން އޭނާއަށް ހީވެއެވެ. ތައްޔާރުވެ ނިމުމާއެކު ފޯނުން ގަޑި ބަލައިލަމުން ކާރުގެ ތަޅުދަނޑި ހިފައިގެން ޒިވްރާ މިސްރާބުޖެހީ ގެއިން ނުކުތުމަށެވެ. ގަޑިއަށް ހޮސްޕިޓަލަށް ދާން އޭނާ ހުރީ ބޭނުންވެފައެވެ. އޮފް ދުވަސްކަން ނަސީބެކޭ ޒިވްރާގެ ހިތަށް އެރިއެވެ.
ކާރޫބާރޫ ބޮޑު މަގުތަކުގައި ދުއްވަމުން އައިސް ހޮސްޕިޓަލުގެ ޕާރކިން ސަރަހައްދުގައި ކާރު ޕާރކް ކޮށްލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ޒިވްރާ އައިސް ހޮސްޕިޓަލް ތެރަށް ވަނެވެ. އަދި އިޝްޔާ އޮޕްރޭޓްކުރަން ހަމަޖެހިފައިވާ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. ޒިވްރާ އަށް އާދެވުނުއިރު، އެތަނުގައި އަޒާން އާއި އިޝްޔާގެ މައިންބަފައިން ތިއްބެވެ. ޒިވްރާ ފެނުމުން ލިޔާރާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. ޒިވްރާ ހައިރާންވީ އެވަގުތު އެތަނުގައި އަޒާން ނެތީތީއެވެ. ސުވާލު އުފެދިފައި ހުރެ އެމީހުންގެ ގާތުގައި މަޑުކޮށްލަމުން ޒިވްރާ ވަށައިގެން ހޯދާލިއެވެ. "އާންޓީ، ޒާން އަދި ނާންނަނީތަ؟" ގަޑިއަށް ބަލައިލަމުން ޒިވްރާ އެއްސެވެ. އެއާއެކު ފާޑަކަށް އޭނާގެ މޫނަށް ލިޔާރާ ބަލައިލިއެވެ. "ތަނަކަށް ވަދެލާފަ ވަރަށް އަވަހަށް އެބަ އަންނަމޭ ބުނެފަ ޒާން ދިޔައީ" ފަނޑު ހިނިތުންވުމެއް ޒިވްރާއަށް ހަދިޔާ ކޮށްލަމުން ޔުމްނާ ބުނެލިއެވެ. ކޮންމެ މީހެއްގެ މޫނުމަތިން ކަންބޮޑުވުމާއި ހާސްކަން ފައުޅުވަމުން ދިޔައީތީ، އެވަގުތު އިތުރު ސުވާލުތަކެއް ކުރާކަށް ޒިވްރާ ނޫޅުނެވެ. އެހެންނަމަވެސް، އެހައި މުހިންމު ވަގުތަކު އެތަނުގައި އަޒާން ނެތީތީ އެކަމާ އޭނާއަށް ވިސްނެމުންދިޔައެވެ.
އިރުކޮޅަކު ޒިވްރާއަށް ބަލަން އިނުމަށްފަހު، އިނށީންދެގެން އިން ގޮނޑިން ތެދުވެލަމުން އޭނާގެ އަތުގައި ހިފައިގެން ލިޔާރާ އެހެން މީހުނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ކޮންމެވެސް ވާހަކައެއް އޭނާ ގާތުގައި ދައްކަން ބޭނުންވާކަމަށް ބުނުމުން ޒިވްރާއަށް ލިބުނީ ހައިރާންކަމެވެ. ދެންތިބި މީހުނަށް ބަލައިލަމުން، އެމީހުނަށް އަޑުނީވޭނެހައި މަޑުން ލިޔާރާ ވާހަކަދައްކަން ފެށިއެވެ. އޭނާގެ ދުލުން ބޭރުވަމުންދިޔަ ބަސްތަކުން ޒިވްރާއަށް ލިބުނު ހައިރާންކަމުގައި ބަސްހުއްޓޭގޮތް ވިއެވެ. ބުނާނެ އެއްޗެއް ނޭނގި ގަނޑުވެފައި ޒިވްރާ އަށް ހުރެވުނީ ހަރަކާތެއްވެސް ކޮށްލަން ހަނދާންނެތިފައެވެ. އެތަންފެނި އޭނާގެ އަތުގައި ހިފައިލަމުން ލިޔާރާ ތަޅުވާލިއެވެ. އަދި ކުޑަކޮށް ހިނިތުންވެލަމުން، އެހެން މީހުނަށް ނުފެންނާނެހެން އެތަނުން ދިއުމަށް އޭނާ ލޮލުން އިޝާރާތްކޮށްލިއެވެ. ހިންދިރުވައިލަމުން ޒިވްރާ ފަހަރަކު މީހަކަށް ބަލައިލިއެވެ. އަދި ބަހެއްވެސް ނުބުނެ ކުޑަކޮށް ބޯޖަހައިލުމާއެކު އެމީހުން ފަސްދީ ދުރަށް ހިނގައިގަތެވެ. އޭރު އޭނާގެ ދެލޮލުގައި ވިދަމުންދިޔަ ކަރުނުން، ލިޔާރާގެ ވާހަކަތަކުން އޭނާގެ ހިތަށް ކޮށްފައިވާ އަސަރު ހާމަވެއެވެ. ހިތުގައި ޖެހުނު ނަމަވެސް، މީހުންގެ ތެރޭގައި ކަރުނަ އޮހޮރާކަށް ޒިވްރާ ބޭނުމެއްނުވިއެވެ. އެހެންކަމުން ގަދަކަމުންކަހަލަ ގޮތަކަށް ކަރުނަތައް ދިރުވައިލަމުން އޭނާ މޫނުމަތި އަތުގެ ނުފުށުން ސާފުކޮށްލިއެވެ.
"ކީއްވެ އޭނަ އެދިޔައީ؟" އެތަނުގައި އިރުކޮޅަކަށް ވެސް މަޑުކޮށްނުލައި ޒިވްރާ ދިޔައީތީސުވާލުއުފެދިފައި ހިލްމީ އަހައިލީ ލިޔާރާ ކައިރިންނެވެ. "މީ ކިހާ ޕްރައިވެޓް މުމެންޓެއް. މިކަހަލަ ނާޒުކު ވަގުތެއްގަ މިތަނުގަ ހަމައެކަނި އާއިލާ މީހުން ތިބުން ދޯ ރަނގަޅު ވާނީ. އެވަރު ޒިވްރާ ވެސް އަންޑަރސްޓޭންޑް ވާނެ. އެހެންވެ އަހަރެން ބުނީ އެހަށް މިވަގުތަށް މިތަނުން ދާށޭ. އިޝީގެ އޮޕަރޭޝަން ނިމި، ތަންކޮޅެއް ރަނގަޅުވެލީމަވެސް އެކުވެރިންނަށް ބައްދަލުކޮށްލަން އާދެވިދާނު. އަހަރެން އެހެން ބުނީމަ ވަރަށް ފަސޭހައިން ގަބޫލުކޮށްފި." ހިލްމީގެ މޫނަށް ބަލައިލަމުން ލިޔާރާ ބުނެލިއެވެ. އެކަމާ ޔުމްނާ އާއި ސުފްޔާން ވެސް އެއްބަސްވިއެވެ. ވަކި އެއްޗެކޭ ނުބުނެ ހިލްމީ ލަސްލަހުން ބޯޖަހައިލީއެވެ. އެހެނަސް ޒިވްރާ ދިޔަ ދިމާލަށް އޭނާއަށް އަނެއްކާވެސް ބަލައިލެވުނެވެ. އެ އަންހެންކުއްޖާ އެ ދިޔައީ ދާހިތުން ނޫންކަން ހިލްމީއަށް ވިސްނުނީއެވެ.
(ނުނިމޭ)
Ads by MACL
