ރާއްޖެއިން ފަލަސްތީނަށް 50,000 ޑޮލަރުގެ އެހީއެއްދެނީ
ރާއްޖެއިން ފަލަސްތީނަށް 50,000 ޑޮލަރުގެ އެހީއެއްދޭން ސަރުކާރުން ނިންމަވައިފިއެވެ.
އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އދ. ގެ ޖަމިއްޔާއެއް ކަމަށްވާ އަންރުވާއަށް ރާއްޖެއިން 50,000 އެމެރިކާ ޑޮލަރު ހަދިޔާކުރަން ނިންމާފައިވާކަން ރަސްމީކޮށް އިޢުލާނު ކުރައްވާފައެވެ.
މިކަން ހާމަކުރެއްވީ އދ. ގެ މައި މަރުކަޒުގައި ބޭއްވުނު 'އަންރުވާ ޕްލެޖިންގް ކޮންފަރަންސް' ގައި ވާހަކަފުޅު ދައްކަވަމުން ކަމަށްވާއިރު، މިއީ ހަމައެކަނި ފައިސާގެ އެހީއެއް ނޫން ކަމަށާއި، މިއީ އިންސާނީ ކަރާމާތާއި ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ދެމެހެއްޓުމަށްޓަކައި ވެވޭ މުހިންމު ހިއްސާއެއްކަން މަންދޫބު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަންރުވާއާ ދެކޮޅަށް ކުރިމަތިވަމުންދާ ދޮގު ތުހުމަތުތަކާއި އެ އިދާރާގެ ހިންގުމަށް ހުރި ހުރަސްތަކަށް އަލިއަޅުއްވާލައްވައި، އެ ތަނުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ ގައުމުތަކަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
އަދި ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ހައްގުގައި އެ ގައުމުގެ ރައްޔިތުންނާއެކު ކަމުގެ ޔަގީންކަން ދެއްވަމުން، މިއީ މިދިޔަ 2024 ވަނަ އަހަރުވެސް ރާއްޖެއިން އެ އިދާރާއަށް ވެދިން 50,000 ޑޮލަރުގެ އެހީގެ ކުރިއެރުމެއްކަންވެސް ބަޔާންކުރެއްވިއެވެ.
Ads by MACL
