ކަނދުފަތި އެޅުމުގައި މި ސަރުކާރުން ރެކޯޑު ކާމިޔާބީއެއް ހާސިލްކޮށްފި
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޖުމްލަ 99 ކަނދުފަތި އަޅައި، މިހާތަނަށް އެއް ސަރުކާރަކުން އެންމެ ގިނަ ކަނދުފަތި އެޅި ދުވަސްވަރުގެ ގޮތުގައި ތާރީޚީ ރެކޯޑެއް ގާއިމްކޮށްފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިއީ މަސްވެރިންނަށް ލުއިފަސޭހަކޮށްދީ، ބާނާ މަހުގެ މިންވަރު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ހޯދިފައިވާ ބޮޑު ކުރިއެރުމެކެވެ.
މި ފަހަރު އަޅާފައިވާ ކަނދުފަތިތަކުގެ ތެރެއިން 47 ކަނދުފައްޗެއް ހާއްސަކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ނުވަތަ ކަޅުބިލަމަހުގެ މަސްވެރިކަމަށެވެ. އަދި ބާކީ ހުރި 52 ކަނދުފައްޗަކީ މިހާރު ރާއްޖޭގައި ފުޅާވަމުން އަންނަ ސްޕޯޓްސް ފިޝިން ނުވަތަ ވަނދު މަސްވެރިކަމަށް އަމާޒުކޮށްގެން ފަރުމަހުގެ މަސްވެރިންނަށް ފައިދާވާނެހެން ފަރުމާކޮށްފައިވާ ވަސީލަތްތަކެކެވެ.
މަސްވެރިކަމުގެ އުފެއްދުންތެރިކަން މަތިކުރުމަށްޓަކައި ކަނދުފަތި އެޅުމުގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މަސް ދޯނިފަހަރުގައި ލޮނުފެން ފިނިކުރާ ނިޒާމުތައް ގާއިމްކޮށްގެން މަސް ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން، މަސްވެރިން ބާނާ މަހަށް ބަރާބަރަށް ފައިސާ ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި ރައީސް މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކަޅުބިލަމަސް ކިލޯއެއް 20 ރުފިޔާގެ މަގުން ގަންނަން ފަށާފައިވާކަންވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
Ads by MACL
