ޗައިނާ މާކެޓް ވަރުގަދަކުރަން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވަފުދެއް ޗައިނާއަށް
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ޗައިނާ މާކެޓް އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ރަސްމީ ދަތުރެއް ފަށައިފިއެވެ.
މި މަހުގެ 1 އިން 11 އަށް ކުރިއަށްދާ މި ދަތުރުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނާއި، ވިޒިޓް މޯލްޑިވްސް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އަދި ގައުމީ އެއަރލައިން މޯލްޑިވިއަންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ޖަމިއްޔާތަކުން ވަނީ ބައިވެރިވެފައެވެ.
މި ދަތުރުގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް ހާރިސް މުހައްމަދުއެވެ. އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ކޯރޕަރޭޝަންގެ ސީ.އީ.އޯ އަދި މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ.
މި ވަފުދުން ޗައިނާގެ މުހިންމު ތިން ސިޓީއެއް ކަމަށްވާ ބެއިޖިންގ، ޝަންހާއީ، އަދި ޗެންގްޑޫ އަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރަކީ މެދުއިރުމަތީގެ މިހާރުގެ ހާލަތާ ގުޅިގެން ބައިނަލްއަގުވާމީ ފަތުރުވެރިކަމަށާއި ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރާ މުހިންމު މަސައްކަތެކެވެ.
ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކު ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓްތަކާ އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ފަހި މަގުތަކެއް ހޯދައިދިނުމެވެ.
ދަތުރުގެ ތެރެއިން ޗައިނާ ސަރުކާރުގެ އިސްވެރިންނާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުން، ޓްރެވަލް އެޖެންޓުންގެ އިތުރުން ޓްރެވަލް ޓެކްނޮލޮޖީ ކުންފުނިތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި އެކި ސިޓީތަކުގައި ޚާއްސަ ނެޓްވޯކިންގް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރޭވިފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ޗައިނާއިން 168,677 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19.8 އިންސައްތައިގެ ކުރިއެރުމެކެވެ. ޗައިނާއަކީ ވޭތުވެދިޔަ އަހަރުތަކުގައި ވެސް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓެވެ.
Ads by MACL
