ދަރިވަރުން ސުކޫލަށް ހާޒިރުވާ މިންވަރު ބަލަން މަސައްކަތްތަކެއް ފަށައިފި
މިދިޔަ ޖޫން މަހުން ފެށިގެން ދަރިވަރުން ސުކޫލަށް ދާ މިންވަރު ބެލުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލަރނިންގ އައުޓްކަމްސް ރިޕޯޓް އާންމުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ހެކިތަކުގެ މައްޗަށް ބިނާކޮށް ތަޢުލީމީ ނިޒާމު ބައްޓަންކުރުން ކަމަށެވެ. މީގެ ކުރިން ކީސްޓޭޖް 1 އަދި 2ގެ އެސެސްމަންޓުތައް ނަގަމުން ދިޔައިރު، އެ ނަތީޖާތަކަށް ރިޢާޔަތްކޮށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވާކަން ފާހަގަކުރައްވައި، މިހާރު ފަށާފައިވާ އެންމެ މުހިންމު މަސައްކަތަކީ ފާއިތުވި އަހަރުތަކުގެ އެސެސްމަންޓުތަކަށް ބިނާކޮށް މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށް ވިދާޅުވިއެވެ.
Ads by BMLތަޢުލީމީ ދާއިރާގެ ކުރިމަގަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިއަހަރުގެ ނޮވެމްބަރު މަހު މުޅިން އަލަށް ކީސްޓޭޖް 1ގެ ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ އިމްތިހާނެއް ބޭއްވިގެން ދާނެ ކަމަށެވެ. މީގެ ސަބަބުން ދިވެހި ދަރިވަރުންގެ ފެންވަރު، ދުނިޔޭގެ އެހެން ޤައުމުތަކުގެ އެ އުމުރުފުރާގެ ކުދިންނާ އަޅާކިޔައި، ހިސާބާއި ސައިންސް ފަދަ މާއްދާތަކުން ދަރިވަރުން ތިބި ހިސާބު ވަޒަންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
"މި އަހަރުގެ ނޮވެމްބަރ މަހު މުޅިން އަލަށް ދިވެހިރާއްޖޭގެ ދަރިވަރުން ކީ ސްޓޭޖް-1ގެ ދަރިވަރުން އެ ދަރިވަރުންގެ އެއްއުމުރުފުރާގެ ބައިނަލްއަޤްވާމީ ކުދިންނާއި، އެކުދިންގެ ނަތީޖާއާއި އަޅާކިޔާ ލެވޭވަރުގެ އިމްތިހާނެއް ހެދިގެންދާނެ. އެއިން އެނގިގެންދާނެ ކިހާ ހިސާބެއްގައިތޯ ދަރިވަރުން ހިސާބުގެ ޢިލްމު، ސައިންސްގެ ޢިލްމު، އިނގިރޭސިގެ ޢިލްމު މިހުރީ އެހެން ކުދިންނާއި، އަޅާ ކިޔާއިރުގައި،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކީސްޓޭޖް 3ގެ އެސެސްމަންޓުތަކުން ހިސާބު މާއްދާގެ ނަތީޖާ ދަށްކަން ފާހަގަވެފައިވާތީ، އެކަން ޙައްލުކުރުމަށް މުދައްރިސުން ތަމްރީނުކުރުމާއި، ކީސްޓޭޖް 1ގެ މަންހަޖުގައި ހިސާބު މާއްދާއަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އަދި ދަރިވަރުން ހިސާބު ޢިލްމަށް ޝައުޤުވެރިވާނެ ފަދަ ގޮތަކަށް ފޮތްތައް އަލުން އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
Ads by MACL
