އައިލެންޑް އޭވިއޭޝަނަށް އެމްޑީޕީން ދައްކަންޖެހޭ 3.6 މިލިއަން ރުފިޔާ ކޯޓުން ބޭރުން ހަމަޖައްސަން އެއްބަސްވެއްޖެ
މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު އެމްޑީޕީން ގައުމީ އެއާލައިން، މޯލްޑިވިއަންއިން ކުރި ދަތުރުތަކަށް ނުދައްކާ އޮތް 3.6 މިލިއަން ރުފިޔާގެ ދަރަނި ކޯޓުން ބޭރުގައި ހެދި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން ދައްކާ ޚަލާާސްކުރުމަށް އެ ޕާޓީއާއި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އާ ދެމެދު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް ދެ ފަރާތުގެ މެދުގައި ވެވުނު މި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ކޯޓުން މިހާރު ވަނީ ދެ ފަރާތަށްމެ އަމުރުކޮށް، މައްސަލަ ނިންމާލާފަ އެވެ.
މޯލްޑިވިއަންގެ ފްލައިޓްތަކުން އެމްޑީޕީން ކުރި ކެމްޕޭން ދަތުރުތަކަށް އަރާފައިވާ ޖުމްލަ 5.6 މިލިއަން ރުފިޔާގެ ތެރެއިން ނުދެއްކި ބާކީ އޮތް 3.6 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ވެސް ހުކުމްކޮށްފައިވެ އެވެ. ނަމަވެސް، އެ މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ، އައިލެންޑް އޭވިއޭޝަނުން ވަނީ އެމްޑީޕީއަށް ދައުލަތުން ދޭ ބަޖެޓުން އެ ފައިސާ އުނިކުރުމަށާއި، އެ ޕާޓީގެ އެކައުންޓް ފްރީޒްކޮށްދިނުމުގެ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
މީގެ ކުރިން ވެސް މި ދަރަނި 2027 ވަނަ އަހަރުގެ ކުރިން ބަހާލައިގެން ދައްކާ ގޮތަށް ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް ގާއިމްކުރެވުނު ނަމަވެސް، އެމްޑީޕީން އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން އައިލެންޑް އޭވިއޭޝަނުން ނިންމީ ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދުމަށެވެ.
ކޯޓުން ބޭރުން އަލަށް އެކުލަވައިލި ސެޓްލްމަންޓް އެގްރީމަންޓަށް އަމަލުކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކުރި ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަން ނިންމާފައިވާ މުއްދަތާއި އިތުރު ތަފްސީލްތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.
Ads by MACL
