ފުލުހުން އެންމެ ކާމިޔާބުކަމާއެކު ނިންމަންވީ މިޝަންއަކީ ޑްރަގްގެ ވަބާއިން ސަލާމަތްވުން: އިޙްސާން
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަކުރައްވައި، އެ ވަބާއިން ގައުމު ސަލާމަތްކުރުމަކީ ފުލުހުން އެންމެ އިސްކަންދީގެން ކާމިޔާބުކަމާއެކު ނިންމަންޖެހޭ މިޝަން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ މިކަމަށް ބާރުއަޅުއްވާފައެވެ.
ވަޒީރު އިޙްސާން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގެ ތަރައްގީއަށް އެތައް އަހަރެއް ވަންދެން ކުރިމަތިވެފައިވާ ބޮޑު ހުރަހެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާއިލީ ނުތަނަވަސްކަން އުފެދި، މުޖުތަމައުގެ ފަރުދުން ހަލާކުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިންތިޒާމްވެގެން ހިންގާ ކުށްތަކަށް ފަންޑުކުރަނީ ވެސް މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކުރާ ކުށަށް ވަރަށް ރަނގަަޅަށް ޖަވާބުދޭން ވާނެ. އެތައް އަހަރެއްވީ ހުރަހެއް ޑްރަގްގެ ވަބާއަކީ. އާއިލީ ނުތަނަވަސްކަން ގެނެސް ފަރުދުން ހަލާކުކޮށްލާ. ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ ވަރުގަދަކޮށް ހިފަންޖެހޭ ކަމަކީ މިއީ. ފުލުހުން އެންމެ ކާމިޔާބުކަމާއެކު ނިންމަންވީ މިޝަންއަކީ ޑްރަގްގެ ވަބާއިން ސަލާމަތްވުން،" ވަޒީރު ވިދާޅުވިއެވެ.
Ads by BMLފުލުހުންގެ މުއައްސަސާއިން މިކަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލައްވަމުން ވަޒީރު ވިދާޅުވީ، ފުލުހެއްގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންވާނީ ބެޓަނާއި އެ ނޫން ހަތިޔާރުތައް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ އިތުބާރު ކަމަށެވެ. ކިބުރުވެރިކަމެއް ނެތި ނަޒާހަތްތެރިކަމާއެކު ޚިދުމަތްކުރުމަކީ އާއްމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާއިރު، ކުށްކުރާ ފަރާތްތައް ޒިންމާދާރުކުރުވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ފުރިހަމަ ނަތީޖާ އަންނަ އަހަރު ހާސިލުވާނެ ކަމުގެ އުންމީދު ވަޒީރު ވަނީ ފާޅުކުރައްވާފައެވެ.
Ads by MACL
