ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުލުހުންގެ ހަޤީޤީ ކާމިޔާބަކީ މެޑައްޔާއި ޖަހާ ޕްރޮމޯޝަނެއް ނޫން. ފުލުހުންގެ ކާމިޔާބަކީ ރައްޔިތު މީހާގެ ހިނިތުންވުން: ސީޕީ

ފުލުހުންގެ ހަޤީޤީ ކާމިޔާބަކީ މެޑައްޔާއި ޖަހާ ޕްރޮމޯޝަނެއް ނޫން. ފުލުހުންގެ ކާމިޔާބަކީ ރައްޔިތު މީހާގެ ހިނިތުންވުން: ސީޕީ
ފުލުހުންގެ ހަގީގީ ކާމިޔާބަކީ މެޑޭއްޔާއި ކުލައެއް ނޫން ކަމަށާއި އަދި އެއީ ޖަހާ ޕްރޮމޯޝަނެއް ވެސް ނޫން ކަމަށާއި އެއީ ރައްޔިތުމީހާގެ ހިނިތުންވުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ. ސީޕީ މިފަދައިން ވިދާޅުވީ 42 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ، ފުލުހަކަށް މަސައްކަތުގައި ލިބޭ ކާމިޔާބީ މިނަންވާނީ އޭނާއަށް ލިބޭ މަޤާމާއި، މެޑަަލްއާއި ކުލައަށް ބަލައިގެން ނޫން ކަމަށެވެ.

"ހިތްވަރު ވަރުގަދަކޮށް އަޒުމް އާކުރަންވީ. ފުލުހުންގެ ހަޤީޤީ ކާމިޔާބަކީ މެޑައްޔާއި ކުލައެއް ނޫން. ޖަހާ ޕްރޮމޯޝަނެއްވެސް ނޫން. ފުލުހެއްގެ ކާމިޔާބަކީ ރައްޔިތު މީހާގެ ހިނިތުންވުން. އެ އިތުބާރު ހޯދޭނީ މަސައްކަތްކޮށްގެން" ސީޕީ ވިދާޅުވިއެވެ.

އަދި ފުލުހުންގެ ޚިދުމަތުގެ ފެންވަރު އެނގެނީ އާއްމުންގެ އިތުބާރާއި ހިނިތުންވުމުގެ ސަބަބުން ކަމަށާއި، ފުލުހުންނަކީ ރައްޔިތުންގެ އެންމެ ގާތް އެކުވެރިޔާކަމަށް ރައްޔިތުންނަށް އަބަދުވެސް އިހުސާސްވާންޖެހޭނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުން ނެތްތަނެއްގައި އަމާންކަން ޤާއިމް ނުވާނެ ކަމަށާއި، އެތަނެއްގައި ބިރުވެރިކަން ފެތުރިގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މާނައަކީ ޤާނޫނު ތަންފީޒުކުރުން އެކަނި ނޫންކަމަށާއި، ހުރިހާ ގޮތަކުން ބެލިޔަސް ފުލުހުން ވާންވާނީ ނަމޫނާ ބަޔަކަށްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނަކީ ދިމާވާ ދަތިތަކުގެ ސަބަބުން ފަހަތަށް ޖެހޭނެ ބައެއް ނޫންކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

"ގޮންޖެހުންތަކަކީ އަޅުގަނޑުމެންގެ ސަފުތައް ބަލިކަށިކޮށްލާނެ އެއްޗެއް ނޫން. އެއީ އަޒުމް އާލާކޮށްދޭނެ އިމްތިހާނެއް. ފުލުހުންގެ ޝަަރަފު ހިފެހެއްޓުމަކީ ޤައުމީ، ދީނީ ވާޖިބެއް. އެ ވާޖިބަށް ހިޔާނާތްތެރި ނުވާތި،" ސީޕީ ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ޚިދުމަތަކީ ޤައުމީ ޖިހާދެއްކަމަށް ސިފަކުރައްވާ، އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ.

ދުނިޔެ ބަދަލުވެ ކުށުގެ ވައްތަރުތައް އިތުރުވަމުންދާއިރު ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ގިނަކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މީހުން ތަމްރީންކުރުމަށް އިސްކަންދެއްވާކަމަށެވެ. އެގޮތުން، ފުލުހުންގެ އަސާސީ ތަމްރީންތައް ޒަމާނާއި އެއްގޮތަށް ބައްޓަންކުރުމަށް ފަންނީ، ޢީލްމީ ދިރާސާތައް ކުރުމަށް ސީޕީ އެދިވަޑައިގެންނެވިއެވެ.

ސީޕީގެ ވާހަކަފުޅު ނިންމަވާލެއްވީ، އެ ދިރާސާތަކުގެ އަލީގައި އެކުލަވާލާ އައު މަންހަޖަށް ފުލުހުންގެ 43 ވަނަ ޕޮލިސް ޓްރެއިނިންގައި ޒަމާނީ ބަދަލުތައް އަމަލީގޮތުން ފެށުމަކީ އުއްމީދުކުރައްވާކަމެއްކަމަށް ވިދާޅުވަމުންނެވެ.