ވޯލްޑް ކަޕް 2026: ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށް، ސްޕެއިން ގަދަ 16 އަށް
މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިނުން ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފެއްދި އިރު، މެޗުގެ ލީޑު އެޓީމުން ނެގީ 36 ވަނަ މިނެޓުގައެވެ. މާކް ކުކުރެޔާ ދިން ބޯޅައަކުން މި ގޯލު ކާމިޔާބުކޮށްދިނީ މިކެލް އޮޔާޒަބަލް އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ސްޕެއިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ސްޕެއިނުން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް، 66 ވަނަ މިނެޓުގައި ލީޑު ފުޅާކުރިއެވެ. އެލެކްސް ބައޭނާ ނަގައިދިން ހުރަހަކުން މި ގޯލު ކާމިޔާބުކޮށްދިނީ ޕެޑްރޯ ޕޮރޯ އެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ކުކުރެޔާ ތަނަވަސްކޮށްދިން ފުރުސަތަކުން އޮޔާޒަބަލް ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައި ސްޕެއިނަށް ތިން ގޯލުގެ ލީޑެއް ހޯދައިދީފައެވެ.
މިރޭގެ މެޗަށް ސްޕެއިން ނުކުތީ ޑެނީ އޮލްމޯ ފުރަތަމަ 11 އަށް ލައިގެންނެވެ. އެޓޭކުގައި ލަމީން ޔަމާލް އާއި އޮޔާޒަބަލް ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި އިރު، އޮސްޓްރިއާގެ ކީޕަރު އެލެކްޒެންޑާ ޝްލާގާ ވަނީ ސްޕެއިންގެ ނުރައްކާތެރި ބައެއް ހަމަލާތައް ދިފާއުކޮށްފައެވެ. އޮސްޓްރިއާއަށް ލިބުނު މަދު ފުރުސަތުތަކުގައި މައިކަލް ގްރެގޮރިޗް އާއި ސާސާ ކަލައިޑްޖިޗް ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލުން ބޭރަށެވެ.
ސްޕެއިނަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަނުންގެ އިތުރުން، ޔޫރޯގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ މިއަހަރުގެ ޔޫރޯ ވެސް ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން، 1998 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރި އޮސްޓްރިއާ މުބާރާތުން ވަކިވާން ޖެހުނީ ގަދަ 32 އާ ހިސާބުންނެވެ.
މި ކާމިޔާބީއާއެކު ސްޕެއިން ގަދަ 16 އަށް ދަތުރުކުރި އިރު، އެޓީމަކީ މިފަހަރުގެ މުބާރާތުގެ ތަށި ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ޓީމެވެ. ޒުވާން ސްކޮޑަކާއެކު ނުކުމެ ސްޕެއިނުން ދަނީ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި އެޓީމުގެ ބާރުވެރިކަން އަލުން ސާބިތުކޮށްދެމުންނެވެ.
Ads by MACL
