ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއަކީ ޙަޔާތް އަބާއްޖަވެރިވެ، ނަރަކައިގެ އަލިފާނަށް ހުށަހެޅޭނޭ ކަމެއް: ހުކުރު ޚުތުބާ

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއަކީ ޙަޔާތް އަބާއްޖަވެރިވެ، ނަރަކައިގެ އަލިފާނަށް ހުށަހެޅޭނޭ ކަމެއް: ހުކުރު ޚުތުބާ

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަކީ އީމާންކަމުގެ ނޫރު ކަނިވެ، ޙަޔާތް އަބާއްޖަވެރިވެ، ނަރަކައިގެ އަލިފާނަށް ހުށަހެޅޭނޭ މީހެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން" މި މައުޟޫޢަށް ރާއްޖޭގެ އެކިކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ވަނީ ކޮރަޕްޝަނާއި ރިޝްވަތުގެ ނުބައިކަމާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ގިނަގުނަ ނަޞޭޙަތްތަކެއް ދީފައެވެ.

ޚުތުބާގައި ބަޔާންކުރި ގޮތުގައި ކޮރަޕްޝަނަކީ މަޤާމުގެ ނުފޫޒު ނުވަތަ ލިބިފައިވާ އިޚުތިޔާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް ކުރެވޭ ކޮންމެ ކަމެކެވެ. އަދި ކޮންމެ މީހަކާވެސް ޙަވާލުވެވިފައިވާ މަސްއޫލިއްޔަތަކީ އެއާ މެދު ސުވާލުވެވޭނޭ އަމާނާތެއްކަން ހަނދާންކޮށްދީ، ނުފޫޒު ބޭނުންކުރުމަކީ ޚިޔާނާތެއްކަމުގައި ބުންޏެވެ. މިއަދުގެ ޚުތުބާގައި ކޮރަޕްޝަން ސިފަކޮށްފައިވަނީ އިންސާނާގެ ފިޠުރަތު އެކަމަށް ނުރުހޭ، އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއްގެ ގޮތުގައެވެ.

ކިތަންމެ ކުޑަ ނަމަވެސް ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް ޙަވާލުވެފައިވާ މީހުން، ނަހަމަ މަންފާއާ ދުރުހެލިވުމަށާއި، ޒިންމާދާރުކަމާ އެކު ޙައްޤުތައް އަދާކުރުމަށް އަންގަވައި ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއް ޚުތުބާގައި ހަނދާންކޮށްދިނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ކުރެ މީހަކަށް ތިމަންކަލޭގެފާނު މަސްއޫލިއްޔަތެއް ޙަވާލުކުރައްވައިފި ނަމަ، ތިނޯހެއްގެ މިންވަރު ނުވަތަ އެއަށް ވުރެ ކުޑަ ނުވަތަ އެއަށްވުރެ ބޮޑު އެއްޗެއް، ތިމަންކަލޭގެފާނަށް ވަންހަނާކުރި ނަމަވެސް، އެއީ ޚިޔާނާތެކެވެ. ޤިޔާމަތް ދުވަހު އެ ޚިޔާނަތާއިގެން އެ މީހަކު އަންނާނެތެވެ."

ޚާއްޞަކޮށް ރިޝްވަތުގެ ނުރައްކަލުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ދެވޭ އެއްޗެއް ކަމަށާއި، ރިޝްވަތުދޭ މީހާއާއި ހިފާ މީހާއަށް ރަސޫލާ ﷺ ލަޢުނަތްލެއްވި ކަމަށެވެ. ޚުތުބާގައި އިތުރަށް ބުނީ، ކޮރަޕްޝަނުގެ ނުބައި ޢަމަލުތައް މުޖުތަމަޢުގައި ފެތުރިފައިވާ މިންވަރުން، އެއީ ކަން އޮންނަންވީ މަގުކަމުގައި ބައެއް މީހުންނަށް ހީވެފައި އޮތް ނަމަވެސް، މިއީ އިލާހީ ކޯފާއަށް ހުށަހެޅޭ ބޮޑު ފާފައެއް ކަމަށެވެ.

ކޮރަޕްޝަން ފެތުރުމުގެ ސަބަބުން އިޖުތިމާޢީ ޢަދުލުވެރިކަން ގެއްލި، ފަޤީރުކަން އިތުރުވެ، އިޤުތިޞާދުގެ ތަނބުތައް ފުނޑުފުނޑުވާކަން ފާހަގަކުރައްވަމުން، މީސްތަކުންގެ މުދާ ބާޠިލު ގޮތުގައި ނުކެއުމަށް ޚުތުބާގައި ނަޞޭޙަތްތެރިވިއެވެ. ކޮރަޕްޝަނަށް މަގުފަހިވާ މައިގަނޑު ސަބަބަކީ ނަފުސުގެ ދަހިވެތިކަން ކަމަށާއި، އަސްލު މުއްސަނދިކަމަކީ ނަފުސުގެ ފުުންތެރިކަން ކަމުގައިވެސް ޚުތުބާގައި ބުންޏެވެ.

ޚުތުބާ ނިންމާލަމުން ވަނީ، އަމާނާތްތެރިކަމުގެ ސިފަ އަށަގަންނުވައި، ކޮރަޕްޝަނާއި ރިޝްވަތުގެ ވަބާއިން ސަލާމަތްވުމަށް ދިވެހި އެންމެހައި ރައްޔިތުންނަށް ގޮވާލާފައެވެ. އަދި ބާއްޖަވެރި ދިރިއުޅުމެއް ލިބޭނީ ޞާލިޙު ޢަމަލުކޮށްގެންކަން ހަނދާންކޮށްދީ، މާތް الله ގެ ކޯފާއަށް ބިރުވެތިވުމަށް ނަޞޭޙަތްތެރިވެފައެވެ.