ކުށްކުރާ ޒުވާނުން އަނބުރާ މުޖުތަމައަށް ނެރުމަށް އުތުރުތިލަފަޅުގައި ބޮޑު މަޝްރޫއެއް ފަށަނީ
މަސްތުވާތަކެއްޗާއި ކުށުގެވެށީގައި އުޅޭ ޒުވާނުން އިސްލާހުކޮށް، ހަރުދަނާ ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި އުތުރުތިލަފަޅުން ބިން ކަނޑައަޅައިގެން ޒަމާނީ ފެންވަރުގެ ބޮޑު މަޝްރޫއެއް މި ދައުރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި "ދަ ޕަލްސް" ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ކުށުގެ ތެރެއަށް ވަދެވިފައިވާ ކުދިން ސަލާމަތްކޮށް، އެކުދިންނަކީ އަބުރުވެރި އަދި ބޭނުންތެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހަދައިދިނުން ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ޒުވާނުން ކުށުގެ ވެއްޓަށް ނުވަތަ މަސްތުވާތަކެތީގެ ތެރެއަށް ވަންނަން ދިމާވާ އަސްލު ސަބަބުތަކަށް ފަރުވާ ދީގެން މެނުވީ މި މައްސަލައަށް ދާއިމީ ހައްލެއް ނުހޯދޭނެއެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ދަތިކަމާއި، މީގެ ކުރިން ގެންގުޅެފައިވާ ތަރައްގީގެ ނާކާމިޔާބު ސިޔާސަތުތަކަކީ މިކަމުގެ ފަހަތުގައިވާ ބައެއް ސަބަބުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އަމިއްލަ ބާރުވެރިކަން އިތުރުކުރުމާއި، އަންހެނުންނަށް ގޭގައި ތިބެގެން އާމުދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، ދުޅަހެޔޮ ސިއްހީ ނިޒާމަކާއި ފެންވަރު ރަނގަޅު ތައުލީމީ ފުރުސަތުތައް ގާއިމުކުރުމަކީ ވެސް ޒުވާނުން ކުށަށް ހުށަހެޅޭ ރޫޓްކޯސްތަކާ ސީދާ ގުޅިފައިވާ ކަންކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
އުތުރުތިލަފަޅުގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމެއް ނަމަވެސް، މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާ ލަސްތަކެއް ނުވެ މިކަމުގެ އަމަލީ މަސައްކަތް ފެށި، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި މަޝްރޫއުގެ ހެޔޮ ނަތީޖާ ފެންނަން ފަށާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
Ads by MACL
