މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންނަށް އޮތް ނުފޫޒުތައް ކަނޑުވާލެވިއްޖެ: ރައީސް
ރާއްޖޭގައި މޫލާފައިވާ މަސްތުވާތަކެތީގެ ވަބާ ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން، ފުލުހުންގެ މުައްސަސާގެ ތެރޭގައި ކުރިން އޮތް ނޭދެވޭ ނުފޫޒުތައް އެއްކޮށް ނައްތާލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕްރޮގްރާމްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރެއިޑްތަކުން އަތުލައިގަންނަ ތަކެތި އަނބުރާ މުޖުތަމައުގެ ތެރޭގައި ދައުރުވުން ފަދަ ނުބައި އަމަލުތަކަށް މިހާރު ފުލުހުންގެ ތެރޭގައި އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ މަތިމަތިން ކަންކަން ކޮށްގެން ހައްލުކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިކަން ގައުމުން ފޮހެލެވޭނީ އޭގެ އަސްލާ ހަމައަށް ގޮސް، ވަށާޖެހޭ ސިޔާސަތުތަކެއް ތަންފީޒުކޮށްގެން ކަމަށެވެ. އަދި މި ސިޔާސަތުތައް ކާމިޔާބު ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން އާއިލާތަކާއި މަދަނީ ޖަމްއިއްޔާތަކުގެ އެއްބާރުލުންވެސް ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ސަބަބުން ޒުވާނުން ސަލާމަތްކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކުށްކުރާ މީހުންނަށް ގާނޫނީ އަދަބު ދޭންޖެހުނު ނަމަވެސް، އެމީހުން އަނބުރާ މުޖުތަމައަށް ނުކުތުމަށް ހުރަސްއެޅޭ ފަދަ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި، އިސްލާހުކޮށްގެން މުޖުތަމައަށް ގެނައުމުގެ ޕްލޭނެއް ގެންގުޅެންޖެހޭ ކަމަށެވެ. މި ވަބާގެ ސަބަބުން އާންމުންގެ މުދަލަށާއި ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކާ ގުޅިގެން ރައްޔިތުންގެ ކިބައިގައި ހުންނަ ރުޅިވެރިކަމަކީ ޖާއިޒު އިހުސާސެއްކަން ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ފުލުހުންގެ ހިދުމަތް ވަރަށް ބޮޑަށް ހަރުދަނާކޮށް، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ފިޔަވަޅުތަކާއެކު ގޭންގު ކުށްތައް މަދުވެ، ގޭންގުތަކާ ގުޅުންހުރި މަރުގެ ހާދިސާތައް މިހާރު ހުއްޓުވިފައިވާ ކަމަށެވެ.
Ads by MACL
