ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާޓީ ބަދަލުކުރުމުން ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއުގެ މަގާމު ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ނިންމައިފި

ޕާޓީ ބަދަލުކުރުމުން ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއުގެ މަގާމު ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ނިންމައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު އިންތިހާބުވި ސިޔާސީ ޕާޓީ ދޫކޮށް އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމާ ގުޅިގެން، އޭނާގެ ކައުންސިލް ރައީސްކަމުގެ މަގާމު ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ކަނޑައަޅައިފަ އެވެ.

މިގޮތަށް ނިންމާފައިވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވާ މެމްބަރަކު، އެ ދައުރެއްގެ ތެރޭގައި ޕާޓީ ބަދަލުކޮށްފިނަމަ މަގާމު ގެއްލޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ.

އެލްޖީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި "ދަ ޑިމޮކްރެޓްސް" ގެ ޓިކެޓުގައި ވާދަކޮށް ކައުންސިލްގެ ރައީސްކަމަށް ޝުޖާއު އިންތިހާބުވުމަށްފަހު، މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން، ޝުޖާއު މަގާމުން ވަކިވެފައިވާތީ އެ ގޮނޑި މިހާރު ހުސްވެފައިވާކަން އީސީއަށް އެންގުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

މި މައްސަލައާ ގުޅިގެން އެލްޖީއޭ އިން ވަކި ގޮތެއް ނިންމަންދެން މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ޝުޖާއު ހުރީ ސަސްޕެންޝަނެއްގަ އެވެ. އަދި އޭނާ ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ތިނަދޫ ކައުންސިލް ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައިވަނީ ކައުންސިލްގެ ނައިބު ރައީސާ އެވެ.

ނަމަވެސް ޝުޖާއު މީގެ ކުރިން ވިދާޅުވެފައިވަނީ، އޭނާ އެމްޑީޕީއާ ގުޅުނީ އޭނާ އިންތިހާބުވި "ދަ ޑިމޮކްރެޓްސް" ޕާޓީ އުވާލާފައިވާ ކަމަށް އީސީން އެންގުމާ ގުޅިގެން ކަމަށެވެ. އަދި އޭނާ މަގާމުގެ ހުވާކުރުމުގެ ކުރިން ޕާޓީ އުވާލާފައިވާތީ، މިއީ އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުން ކަމަށް މާނަކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.