ބީއެމްއެލްގެ 'އެޑްވާންސް މަރޗަންޓް ސެޓްލްމަންޓް' އަށް ބޮޑެތި ލުއިތަކެއް، 2 މިލިއަނާ ހަމައަށް ފައިނޭންސް ލިބެނީ!
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ދޫކުރާ 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ފައިނޭންސިންގ ޚިދުމަތަށް އެ ބޭންކުން ބޮޑެތި އަދި އުފާވެރި ބަދަލުތަކެއް ގެނެސްފިއެވެ.
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ގެނައި މި ބަދަލާއެކު، މިހާރު ދެ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރަން ވަނީ ނިންމާފައެވެ.
މި ޚިދުމަތަށް ގެނެވުނު އެންމެ ބޮޑު އެއް ލުޔަކީ ފައިސާ ދޫކުރުމުގެ މަރުހަލާ އަވަސްވެގެންދިއުމެވެ. އެގޮތުން، ފައިނޭންސިންގ އަށް އެދި ހުށަހަޅާ ފޯމުތައް ޕްރޮސެސްކޮށް، އެންމެ 5 ދުވަސް ތެރޭގައި ވިޔަފާރިތަކަށް ފައިސާ ލިބޭނެ އިންތިޒާމު މިހާރު ބޭންކުން ވަނީ ހަމަޖައްސާފައެވެ.
މި ބަދަލާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވުމަށާއި އެ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށް ބޭންކުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ބޭންކުގެ އަމާޒަކީ މަރޗަންޓުންގެ ވިޔަފާރިތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދިނުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ބީއެމްއެލްގެ މަރޗަންޓް ޚިދުމަތް ބޭނުންކުރާތާ މަދުވެގެން 6 މަސްދުވަސް ވެފައިވާ ވިޔަފާރިތަކަށެވެ. މީގެ އިތުރުން، ކާޑު މެޝިން މެދުވެރިކޮށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 20،000 ރުފިޔާގެ މުއާމަލާތް ހިންގާފައިވުމާއެކު، އެއްވެސް މާލީ އިދާރާއަކަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ އޮވެގެން ނުވާނެއެވެ.
ނަގާ ފައިސާ އަނބުރާ ދެއްކުމުގައިވެސް ވިޔަފާރިވެރިންނަށް ބޮޑު ލުޔެއް ލިބޭނެ ގޮތް ވަނީ އިންތިޒާމުކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހަކު ބަހާލައިގެން، ވިޔަފާރިއަށް ލިބޭ ކާޑު ސޭލްސްގެ ތެރެއިން ފައިނޭންސަށް ދައްކަންޖެހޭ ބައި އޮޓޮމެޓިކުން ކެނޑޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.
މި ހާއްސަ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުޅުވާލާފައެވެ.
Ads by MACL
