ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: އާޖެންޓީނާ އާއި ކޭޕް ވާޑުގެ ކުރިމަތިލުން؛ ކޭޕް ވާޑަށް މެސީ ހުއްޓުވިދާނެތަ!؟

ވޯލްޑް ކަޕް 2026: އާޖެންޓީނާ އާއި ކޭޕް ވާޑުގެ ކުރިމަތިލުން؛ ކޭޕް ވާޑަށް މެސީ ހުއްޓުވިދާނެތަ!؟
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި، މިއާމީ ސްޓޭޑިއަމްގައި މިރޭ އާޖެންޓީނާ އާއި ކޭޕް ވާޑޭ ބައްދަލުކުރާނެއެވެ. މިއީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން އެޓީމުގެ ތަށި ދިފާއުކުރުމުގެ ދަތުރުގައި ކުރިމަތިލާ ވަރަށް މުހިންމު މެޗެކެވެ. އަނެއްކޮޅުން ކޭޕް ވާޑްއަކީ މި މުބާރާތުގައި މިހާތަނަށް އެންމެ ބޮޑު ހައިރާންކަމެއް ގެނުވި އެއް ޓީމެވެ.

ލިއޮނަލް ސްކަލޯނީގެ އިރުޝާދުގެ ދަށުން ކުޅޭ އާޖެންޓީނާ ގަދަ 32 އަށް ދަތުރުކުރީ ގްރޫޕް 'ޖޭ' ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. އެގޮތުން އަލްޖީރިއާ، އޮސްޓްރިއާ އަދި ޖޯޑަން އަތުން މޮޅުވެ، ޖުމްލަ 8 ގޯލު ވަނީ ޖަހާފައެވެ. މީގެ ތެރެއިން 6 ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ.

ކޭޕް ވާޑަކީ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ޓީމެއް ނަމަވެސް، އެޓީމުން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. ސްޕެއިން، އުރުގުއޭ އަދި ސައުދީ އަރަބިއްޔާ ހިމެނުނު ގްރޫޕް 'އެޗް' އިން އެޓީމު ދެވަނަ ހޯދީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އެޓީމުގެ ވަރުގަދަ ޑިފެންސާއި ހަލުވި ކައުންޓާ އެޓޭކްތަކަކީ އާޖެންޓީނާއަށް އޮތް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

ފާހަގަކޮށްލެވޭ ކުޅުންތެރިންނާއި ލަފާކުރެވޭ އެގާރަ


އާޖެންޓީނާގެ އެންމެ ނުރައްކާތެރި ކުޅުންތެރިއަކީ ލިއޮނަލް މެސީއެވެ. އޭނާ ވަނީ މިހާރުވެސް ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ. ކޭޕް ވާޑޭގެ ފަރާތުން އެންމެ މުހިންމު ދައުރެއް އަދާކުރާނީ އުމުރުން 39 އަހަރުގެ ތަޖުރިބާކާރު ކީޕަރު ވޮޒީނިއާއެވެ. އޭނާގެ ހުށިޔާރުކަމަކީ އާޖެންޓީނާގެ ހަމަލާތައް ހުއްޓުވުމަށް އެޓީމަށް އޮތް އެންމެ ބޮޑު އުންމީދެވެ.

ލަފާކުރެވޭ ފުރަތަމަ އެގާރައަށް ބަލާއިރު، އާޖެންޓީނާއިން އެމީލިއާނޯ މާޓިނޭޒް، ރޮމޭރޯ، ޑި ޕޯލް އަދި ލައުޓާރޯ މާޓިނޭޒް ފަދަ ތަރިން ފެންނާނެއެވެ. ކޭޕް ވާޑޭއިން ލޯގަން ކޯސްޓާ އާއި ރަޔާން މެންޑޭޒް ފަދަ ކުޅުންތެރިން މެޗު ފަށާނެ ކަމަށް ބެލެވެއެވެ.

މި މެޗަކީ ތަފާތު ދެ މިޒާޖެއްގެ ދެ ޓީމުގެ ކުރިމަތިލުމެކެވެ. އެއްކޮޅުން ތަޖުރިބާކާރު ޗެމްޕިއަނުންނެވެ. އަނެއްކޮޅުން ބިރެއްނެތި ކުޅޭ އުންމީދީ ޓީމެކެވެ. މި މެޗުން މޮޅުވާ ޓީމެއް ގަދަ 16 ގެ ބުރުގައި ބައްދަލުކުރާނީ އޮސްޓްރޭލިއާ ނުވަތަ މިސްރާއެވެ. ފުޓްބޯޅަ ސަޕޯޓަރުން ތިބީ މި ފޯރިގަދަ ކުރިމަތިލުމަށް ކެތްމަދުވެފައެވެ.

މިއާމީ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 03:00 ގައެވެ.