ޙަމަދް ސްކޫލްގެ ބަޔޮލޮޖީ ޓީޗަރު މަރުވެފައި އޮއްވައި ފެނިއްޖެ
ލ. ގަމުގައި ހުންނަ ޙަމަދް ބިން ޚަލީފާ އަލް ޡާނީ ސްކޫލްގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އިންޑިއާގެ ބަޔޮލޮޖީ މުދައްރިސް، ސަތީޝް މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.
އުމުރުން 50 އަހަރުން މަތީގެ މި މުދައްރިސަކީ އެ ސްކޫލުގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކިޔަވައިދެއްވައި، ދަރިވަރުންގެ ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ހަވީރުގެ ވަގުތެއްގައި ބޮލުގައި ރިއްސާތީ އޭނާ އުޅުނު ކަމަށްވެއެވެ. އޭގެ ފަހުން ޚަބަރެއް ނުވެގެން ބެލިއިރު، ދިރިއުޅޭ ކޮޓަރި ތެރޭގައި ހަރަކާތެއް ނެތްގޮތަށް އޮއްވާ ފެނުމުން، މަރުވެފައިވާ ކަމަށް ލަފާކުރެވިގެން ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ނަމަވެސް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މެޑިކަލް ރިޕޯޓުތަކުން ދައްކައެވެ.
މި ހާދިސާއާ ގުޅިގެން ހިތާމަވެރި މި ޚަބަރު ފެތުރެމުންދާއިރު، މަރުގެ ސަބަބާ ބެހޭ އެއްވެސް އިތުރު ތަފްސީލެއް ރަސްމީ އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.
Ads by MACL
