ވޯލްޑް ކަޕް 2026: ޕެނަލްޓީގައި އޮސްޓްރޭލިއާ ބަލިކޮށް މިސްރު ގަދަ 16 އަށް
މެޗުގެ 13 ވަނަ މިނެޓުގައި މިސްރަށް ލީޑު ނަގައިދިނީ އިމާމް އާޝޫރް އެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ދެވަނަ ގޯލެވެ. ނަމަވެސް މެޗުގެ 55 ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލަކީ އޮސްޓްރޭލިއާގެ އައިޑެން އޯ ނީލް ފޮނުވާލި ހިލޭ ޖެހުމެއް، މިސްރުގެ ޑިފެންޑަރު މުހައްމަދު ހަނީގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި މިސްރުގެ މަހްމޫދު ސަބީރާއި ރަމީ ރާބިއާ އާއި މުހައްމަދު ސަލާހް އަދި ހުސާމް އަބްދުލްމާޖިދު ވަނީ އެޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. އޮސްޓްރޭލިއާގެ ހެރީ ސޫޓާ އަދި ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފައެވެ.
މިއީ ވޯލްޑް ކަޕްގެ ތާރީހުގައި މިސްރުން ނޮކްއައުޓް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. "ދަ ފެރޯސް" ގެ ނަމުން މަޝްހޫރު މިސްރު ޓީމަކީ 1934 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު އެފްރިކާގެ ފުރަތަމަ ގައުމުވެސް މެއެވެ. އަދި އެފްރިކާ ކަޕް އޮފް ނޭޝަންސް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ މިސްރަކީ އެ ބައްރުގެ އެންމެ ކާމިޔާބު ޓީމެވެ.
އަނެއްކޮޅުން، އޭޝިއާ ބައްރަށް ނިސްބަތްވާ އޮސްޓްރޭލިއާއަށް މި ބަލިވުމާއެކު މުބާރާތުން ވަނީ ވަކިވާން ޖެހިފައެވެ. އޮސްޓްރޭލިއާއިން މީގެ ކުރިން 2006 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައިވީ ނަމަވެސް، އެޓީމަށް ވެސް މިހާތަނަށް ނޮކްއައުޓް ބުރުގެ މެޗަކުން މޮޅެއް ހޯދިފައެއް ނުވެއެވެ.
މިސްރުން މި މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ސުވާލު އުފެދިފައި އޮތް ކެޕްޓަން މުހައްމަދު ސަލާހް ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. އޭނާގެ އިތުރުން އުމަރް މާމޫޝް އާއި ކީޕަރު މުސްތަފާ ޝުބީރު ފަދަ މުހިންމު ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޮސްޓްރޭލިއާގެ ގޯލު މެޗުގެ ބޮޑުބައިގައި ބެލެހެއްޓީ ޕެޓްރިކް ބީޗް ނަމަވެސް، ޕެނަލްޓީ ޝޫޓްއައުޓަށް އެޓީމުން ވަނީ ތަޖުރިބާކާރު ކީޕަރު މެތިއު ރަޔަން ކުޅެން އަރުވާފައެވެ.
Ads by MACL
