ވޯލްޑް ކަޕް 2026: ކޭޕް ވާޑް އަތުން ހޯދި އުނދަގޫ މޮޅަކާއެކު އާޖެންޓީނާ ގަދަ 16 އަށް
ވޯލްޑް ކަޕް 2026 ގައި ހިތްވަރުގަދަ ކޭޕް ވާޑް އަތުން 3-2 ގެ ނަތީޖާއަކުން އުނދަގޫ ގޮތަކަށް މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
މެޗުގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ޑިފެންސަށް ސަމާލުކަމެއް ދީގެން ކޭޕް ވާޑުން ކުޅެމުންދިޔަ އިރު، މެޗުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 15 ވަނަ މިނެޓުގައެވެ. ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއިން އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ހަމަލާ ދިޔައީ ކޭޕް ވާޑްގެ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 18 ވަނަ މިނެޓުގައި މެސީގެ ހިލޭ ޖެހުމެއް ފެނިގެންދިޔައެވެ. ހިލޭ ޖެހުމަކުން އޭނާ ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ މަތަކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ނަހުއެލް މޮލީނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މެސީ ނުރައްކާކުރުމުގެ ކުރިން ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ ކުރިއަށް ނުކުމެ ބޯޅަ ހޯދައިފައެވެ.
Ads by BMLމެޗުގެ 28 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ލިސޭންޑްރޯ މާޓިނޭޒް ދިން ރީތި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ރީތިކޮށް ކޮންޓްރޯލުކޮށް ކޭޕް ވާޑްގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ. މިއީ މި ވޯލްޑް ކަޕްގައި މެސީ ޖެހި ހަތްވަނަ ގޯލެވެ. މިހާތަނަށް އާޖެންޓީނާ ކުޅުނު ކޮންމެ މެޗެއްގައި މެސީ ވަނީ ގޯލު ޖަހައިފައެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އާޖެންޓީނާއަށް ލީޑު ފުޅާކޮށްލުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ލައުޓާރޯ މާޓިނޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަަމަލާ، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ކޭޕް ވާޑުން ކުޅުން ރަނގަޅުކޮށް، 59 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރިއެވެ. ކެޕްޓަން ރަޔަން މެންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެރޯއީ ޑުއާޓޭ އެވެ. މުޅި މެޗުގައިވެސް ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ އާޖެންޓީނާގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށް، ހައިރާންކުރުވަނިވި ކުޅުމެއް ދައްކާފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ކޭޕް ވާޑުން ވަނީ އެޓޭކަށް މަސައްކަތްތަކެއް ކޮށްފައެވެ. ކުރިއަށް ޖެހިގެން މަސައްކަތްތަކެއް ކުރި ނަމަވެސް، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރުމަށް ކޭޕް ވާޑަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ. އަނެއްކޮޅުން ދެވަނަ ހާފުގެ ކުރީކޮޅުގައި އާޖެންޓީނާއަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ކޭޕް ވާޑުން އާޖެންޓީނާގެ ގޯލަށް ނުރައްކާކުރިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޑެރޯއީ ޑުއާޓޭ ފޮނުވާލި ހަމަލާ، އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފައެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ކޭޕް ވާޑުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ކެޕްޓަން ރަޔަން މެންޑޭޒް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އާޖެންޓީނާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކޭޕް ވާޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެރޯއީ ޑުއާޓޭ އެވެ. ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
މެޗުގެ 92 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ގޯލު ޖަހައި އަލުން ލީޑު ހޯދައިފައެވެ. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ލިބުނު ބޯޅައަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލިސާންޑްރޯ މާޓިނޭޒެވެ.
މެޗުގެ 103 ވަނަ މިނެޓުގައި ހިތްގައިމު ގޯލަކާއެކު ކޭޕް ވާޑުން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އަރިމަތިން ރީތިކޮށް އާޖެންޓީނާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކޭޕް ވާޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސިޑްނީ ލޮޕޭޒް ކަބްރާލް އެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހުކޮޅު އާޖެންޓީނާއަށް އަލުން ލީޑު ހޯދުމަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެސީ ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ މަތަކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ހޫލިއަން އަލްވަރޭޒް ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ސިޑްނީ ލޮޕޭޒް ކަބްރާލް ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 111 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ގޯލު ޖަހައި އަލުން ލީޑު ހޯދައިފައެވެ. މެސީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ވަދެފައިވަނީ ޑިނޭ އަތުން ބައިކޮޅަށެވެ.
އޭގެ ތިން މިނެޓު ފަހުން ކޭޕް ވާޑްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ހިލޭ ޖެހުމަކުން ސިޑްނީ ލޮޕޭޒް ކަބްރާލް ފޮނުވާލި ބާރު ހަމަލާ، އާޖެންޓީނާ ކީޕަރު މާޓިނޭޒް ވަނީ މަތަކޮށްފައެވެ.
މި މޮޅާއި އެކު އާޖެންޓީނާ ގަދަ 16 އިން ޖާގަ ހޯދިއިރު، އެ ޓީމުން ގަދަ 16 ވަނަ ބުރުގައި ނުކުންނާނީ މިސްރާއި ދެކޮޅަށެވެ/
Ads by MACL
