ހިތަދޫގެ ފަޅު ގޯއްޗެއްގައި ހުރި ކޮންޓެއިނަރެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ
އައްޑޫ ސިޓީ ހިތަދޫގެ ފަޅު ގޯއްޗެއްގެ ތެރޭގައި ބަހައްޓާފައި ހުރި ކޮންޓެއިނަރެއްގައި ރޭ ދަންވަރު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ކޮންޓެއިނަރު ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.
ސަހަރާ މިސްކިތް ހުންނަ ސަރަހައްދުގެ ފަޅު ބިމެއްގައި ހުރި މި ކޮންޓެއިނަރުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިންނާއި އާންމުން ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮަމާންޑަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 02:50 ހާއިރު ކަމަށްވާއިރު، މައުލޫމާތު ލިބުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހިތަދޫ ފަޔަރު ސްޓޭޝަނުގެ ފަޔަރުފައިޓަރުން ވަނީ ހާދިސާ ހިނގި ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
ފަޔަރުފައިޓަރުން މެދުކެނޑުމެއްނެތް ކުރި މަސައްކަތުން، ކޮންޓެއިނަރުގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 04:21 ހާއިރުއެވެ. މި ހާދިސާގައި ކޮންޓެއިނަރަށާއި އޭގެ ތެރޭގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
Ads by MACL
