ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: ކެނެޑާގެ ކޯޗު ހުރީ ބިރުން؛ ބުނީ މޮރޮކޯއާއެކު ކުޅޭ މެޗު ބަލަން ވެސް ބޭނުންނުވާކަމަށް

ވޯލްޑް ކަޕް 2026: ކެނެޑާގެ ކޯޗު ހުރީ ބިރުން؛ ބުނީ މޮރޮކޯއާއެކު ކުޅޭ މެޗު ބަލަން ވެސް ބޭނުންނުވާކަމަށް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގައި މިރޭ މޮރޮކޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން، ކެނެޑާގެ ކޯޗު ޖެސޭ މާޝް ވަނީ މޮރޮކޯގެ ވަރުގަދަކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މާޝް ބުނި ގޮތުގައި މޮރޮކޯއަކީ އޭނާއަށް ބިރުވެރި ހުވަފެނެއް ފަދަ ޓީމެކެވެ.

މޮރޮކޯއާ ބެހޭގޮތުން ވާހަކަ ދައްކަމުން މާޝް ބުނީ، "މޮރޮކޯއަކީ އަހަންނަށް ބިރުވެރި ހުވަފެނެއް ކަހަލަ ކަމެއް. އެއީ އެޓީމު ކުޅޭލަތް މޮޅުކަމުން އަހަރެން ބަލަންވެސް ބޭނުމެއް ނުވޭ. އެއީ މޮރޮކޯ މޮޅުކަމުން،" ކަމަށެވެ. ތަޖުރިބާކާރު ކޯޗު އިތުރަށް ބުނީ މޮރޮކޯއަކީ މިހާރު މުޅި ދުނިޔޭގެ އިހުތިރާމު ހޯދާފައިވާ ޓީމެއް ކަމަށާއި، އެކަން ކެނެޑާގެ ކުޅުންތެރިންވެސް ދަންނަން ޖެހޭނެ ކަމަށެވެ.

މިރޭގެ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކެނެޑާގެ ތަރި އަލްފަންސޯ ޑޭވިސްގެ ފިޓްނަސްއާ ގުޅޭގޮތުން ވެސް މާޝް ވަނީ ވާހަކަ ދައްކާފައެވެ. މުބާރާތް ފެށުނުއިރު އަނިޔާގައި ހުރި ޑޭވިސް ގަދަ 32 ގެ މެޗުގައި ފެނުނު ނަމަވެސް، މިރޭގެ މެޗުގައި އޭނާ ފުލްކޮށް ބޭނުންކުރާނެ ކަމާމެދު އަދިވެސް ސުވާލުތަކެއް އެބަހުއްޓެވެ.

ކުރިން ގްރޫޕް ސްޓޭޖުގައި ޑޭވިސް ފިޓް ކަމަށް ބުނި ނަމަވެސް، މާޝް ފަހުން ވަނީ އެއީ ވާދަވެރިންނަށް އަމާޒުކޮށް ކުޅުނު "މައިންޑް ގޭމް" އެއް ކަމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް، މިހާރު ޑޭވިސް ފުރިހަމައަށް ފިޓްވެފައިވާ ކަމަށް ކޯޗު ވަނީ ޔަގީންކަން ދީފައެވެ.

މީގެ ކުރިން 1986 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި ކެނެޑާއަށް މިއީ އެޓީމުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު މުބާރާތެވެ. އަމިއްލަ ގައުމުގައި ކޯ-ހޯސްޓް ކުރާ މި މުބާރާތުގެ ގަދަ 32 އަށް ކެނެޑާ ދަތުރުކޮށްފައިވާ އިރު، މިރޭގެ މެޗަކީ އެޓީމަށް ވަރަށް މުހިންމު މެޗެކެވެ.

ކެނެޑާ މިރޭ މޮރޮކޯއާ ދެކޮޅަށް ނުކުންނާނީ ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ނޮކްއައުޓް ބުރުގެ މެޗަކުން މޮޅުވެ، އާ ތާރީޚެއް ލިޔުމުގެ އުންމީދުގައެވެ.