ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުޢިއްޒު ވެރިކަމަށް ގެނައުމަކީ ކުރެވުނު ކުށެއް ނޫން، ޞާލިޙްގެ ސަރުކާރަށް ވުރެ މިހާރު މާ ހިތްފަސޭހަ: ޔާމީން

މުޢިއްޒު ވެރިކަމަށް ގެނައުމަކީ ކުރެވުނު ކުށެއް ނޫން، ޞާލިޙްގެ ސަރުކާރަށް ވުރެ މިހާރު މާ ހިތްފަސޭހަ: ޔާމީން

މިހާރު ހިނގަމުންދާ ޕީއެންސީގެ ސަރުކާރު ވެރިކަމަށް ގެނައުމަށްޓަކައި ކުރެވުނު މަސައްކަތަކީ އެއްވެސް ހާލެއްގައި ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭނެ ފަދަ "ކުށެއް" ނޫން ކަމަށާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމާ އަޅާބަލާއިރު މިހާރުގެ ސަރުކާރުގެ ހާލަތު އަދިވެސް މާ ހިތްފަސޭހަ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕީއެންއެފް އިން ބޭއްވި ޓައުންހޯލް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރަކީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ކުރި ވެރިކަމެއް ނޫން ކަމަށް ސިފަކުރައްވައި އެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެމްޑީޕީގެ ވެރިކަން ދިޔައީ ވަރަށް ގޯސްކޮށް ކަމަށް ފާހަގަކުރައްވަމުން، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ތަކުރާރުކޮށް ފާޑުވިދާޅުވި ނަމަވެސް، ކުރީގެ ސަރުކާރަށް ވުރެ މި ސަރުކާރުގެ ހާލަތު ރަނގަޅު ކަމަށް ޔާމީން ވިދާޅުވިއެވެ. މީގެ ކުރިން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރުގެ ގޮތުގައި ހުންނެވި ޔާމީނަށް 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލުނީ ޖަލު ހުކުމެއްގައި ހުންނަވަން ޖެހިވަޑައިގަތުމުންނެވެ. އެއާއެކު ރިޔާސީ ޓިކެޓް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދޫކޮށްލެއްވުމަށްފަހު، ވެރިކަން ބަދަލުވުމާއެކު ޔާމީން ވަނީ ކޯލިޝަނުން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފައްދަވާފައެވެ.

އާ ޕާޓީ އުފެއްދެވި ފަހުން ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ސިލްސިލާ ޖަލްސާތައް ބާއްވަމުންނެވެ. އަދި މި ފަހަކަށް އައިސް ސަރުކާރަށް ޕްރެޝަރު ބޮޑުކުރުމުގެ ގޮތުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިޙާ މަޝްވަރާކުރައްވައި، ގުޅިގެން ސިޔާސީ މަސައްކަތްތަކެއް ކުރުމަށްވެސް ޔާމީން ވަނީ އެއްބަސްވެވަޑައިގެންފައެވެ.