ފައުންޑޭޝަން މަރުހަލާގެ ކުދިންނަށް އިސްލާމީ ތަރުބަވީ ފަލްސަފާގެ މައްޗަށް ބިނާކޮށް ފޮތް ސެޓެއް ނެރެފި
އިސްލާމީ ތަރުބަވީ ފަލްސަފާގެ އަލީގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފައުންޑޭޝަން ސްޓަޑީސް މަރުހަލާގެ ކުދިންނަށް ޚާއްޞަކޮށްގެން އެކުލަވައިލި ފޮތް ސެޓެއް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ނެރެދެއްވައިފިއެވެ.
މި މަޝްރޫއުގެ މަސްއޫލުވެރިޔާގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ މަގާމުގައި ހުންނެވި ޑރ. ޝަހީމް ވަނީ މި ފޮތްތަކަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔަ ތައުލީމީ އަދި ތަރުބަވީ މުހިންމު މަޝްރޫއެއްކަން ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ 2021 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މަޝްރޫއެއް ކަމަށާއި، މުޅި ޖުމްލަ 65 ފޮތް ހިމެނޭ މި މަޝްރޫއަކީ ބޭބީ ނާސަރީން ފެށިގެން ޔޫކޭޖީއާ ހަމައަށް ބޭނުންކުރަން ތައްޔާރުކޮށްފައިވާ ފޮތްތަކެއް ކަމަށެވެ. އަދި ޤައުމީ މަންހަޖުގެ ހުރިހާ މާއްދާތަކެއްގެ އިތުރުން، އިސްލާމީ އަދަބު އަޚްލާޤާއި ޢަރަބި ބަސް ވެސް މި ފޮތްތަކުގައި ހިމެނިގެންދާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި ބޮޑު މަޝްރޫއުގެ ދަށުން މިއަދު އާންމުކޮށްފައިވަނީ ބޭބީ ނާސަރީ މަރުހަލާގެ 16 ފޮތެވެ. ބާކީ ހުރި 49 ފޮތް ލިޔެ ނިމިފައިވާއިރު، އެ ފޮތްތައް ނެރުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ އިސްލާމީ ފަލްސަފާގެ މައްޗަށް ބިނާކޮށް ފައުންޑޭޝަން މަރުހަލާގެ ފޮތްތަކެއް ތައާރަފުކުރުން ކަމަށްވާއިރު، މި މަޝްރޫއަށް މާލީ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އިސްލާމީ ތަރުބަވީ ފަލްސަފާގެ މައްޗަށް ބިނާކޮށް މި ފޮތްތައް ލިޔެ އެކުލަވައިލީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަން (އެންއައިއީ) ގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ މަރިޔަމް ޝަޒްނާއެވެ. އަދި ޤުރްއާން މާއްދާގެ ފޮތްތައް ތައްޔާރުކުރުމުގައި ޢާބިދާ މިސް ބައިވެރިވެފައިވާއިރު، ބޭބީ ނާސަރީގެ ޢަރަބި ފޮތް އެކުލަވައިލީ ނީނާ މިސްއެވެ. މީގެ އިތުރުން ފޮތްތަކުގެ ކުރެހުންތަކާއި ޑިޒައިނިންގްގެ މަސައްކަތްތައް ކޮށްފައިވަނީ ޚަދީޖާ ޢަބްދުﷲ އެވެ.
މި ފޮތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އެކި މަރުހަލާތަކުގައި އެކި ބޭފުޅުން ވަނީ މުރާޖައާ ކޮށްދެއްވާފައެވެ. އެ ބޭފުޅުންގެ ތެރޭގައި އުސްތާޒު އިމްތިތާއު އައްބާސް، އުސްތާޛު މުޙައްމަދު ފިރުޒުލް އަދި ޝިފާޔަތު އަލީ ހިމެނެއެވެ.
މި މަޝްރޫއުގެ ފުރަތަމަ މަރުހަލާ ނިމި ފޮތްތައް ނެރުނުއިރު، ވަޒީރު ވަނީ މި މަސައްކަތުގައި އެހީތެރިވި ބޭފުޅުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އެގޮތުން ޝައިޚު މުޙައްމަދު ލަތީފްގެ އިތުރުން، އިދާރީ ގޮތުން އެހީތެރިވި މަދީނާ އިންވެސްޓްމަންޓްސްގެ ސީއީއޯ އަލީ އަހުސަނާއި އައިއޯސީސީގެ ކޯފައުންޑަ އަލީ އަޝްވާޤަށް ޝުކުރު ދަންނަވައި، މާލީ ގޮތުން އެހީތެރިވި ފަރާތްތަކަށް ހެޔޮ ދުޢާ ރައްދުކުރެއްވިއެވެ.
މި ފޮތްތަކަކީ ޕްރީ ސްކޫލުތަކުގައި ބޭނުންކުރުމުގެ އިތުރުން، ބެލެނިވެރިންނަށް ގޭގައި ތިބެގެން ވެސް ދަރިންނަށް ފަސޭހަކަމާއެކު ކިޔަވައިދެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ފޮތްތަކެކެވެ.
Ads by MACL
