ވޯލްޑް ކަޕް 2026: ފްރާންސާއި ޕެރަގުއޭގެ ކުރިމަތިލުން: ޕެރަގުއޭއިން އަންގަނީ މިރެއަކީ ފްރާންސްގެ ނިމުން އަންނަ ރޭ ކަމަށް!
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި، މުބާރާތް ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ފްރާންސާއި، ހައިރާންކުރުވަނި ނަތީޖާތަކެއް ނެރެމުން އަންނަ ޕެރަގުއޭ ބައްދަލުކުރާ މެޗަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މެޗެކެވެ.
މިރޭ ދަންވަރު ރާއްޖޭގެ ގަޑިން 2:00 ގައި ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅޭ މި މެޗަކީ ފްރާންސުން ތިންވަނަ ފަހަރަށް ތަށި ހޯދުމަށް ކުރާ ދަތުރުގައި ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
ފްރާންސް: މުބާރާތުގެ އެންމެ ވަރުގަދަ ބާރު
ފްރާންސް މި މުބާރާތުގައި މިހާތަނަށް ދައްކާފައިވަނީ ވަރަށް ފުރިހަމަ ކުޅުމެކެވެ. ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ، ގަދަ 32 ގެ ބުރުގައި ސްވިޑަން 3-0 އިން ބަލިކޮށް ފްރާންސް ވަނީ އެޓީމުގެ ވަރުގަދަކަން ސާބިތުކޮށްދީފައެވެ. ކެޕްޓަން ކީލިއަން އެމްބާޕޭގެ ހަލުވި ދުވެއްޔާއި، އޮލީސޭގެ މޮޅު ކުޅުމާއެކު ފްރާންސްގެ އެޓޭކިންގް ލައިން އޮތީ ވަރަށް ވަރުގަދަކޮށެވެ. ނަމަވެސް، މުހިންމު މިޑްފީލްޑަރު އައުރެލިއަން ޗުއަމެނީއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި މެޗުގައި އޭނާއަށް ނުކުޅެވިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ޕެރަގުއޭ: ބޮޑެތި ޓީމުތައް ސިއްސުވާލާ ގަދަ ބާރެއް
ޕެރަގުއޭއަކީ މި މުބާރާތުގެ އެންމެ ބޮޑު ސަޕްރައިޒެވެ. ގަދަ 32 ގެ ބުރުގައި ވަރުގަދަ ޖަރުމަނު ބަލިކޮށް، އެޓީމުން ވަނީ ދުނިޔެ ސިއްސުވާލާފައެވެ. ޕެރަގުއޭގެ އެންމެ ބޮޑު ބާރަކީ އެޓީމުގެ ބަދަހި ޑިފެންސާއި، ކައުންޓަރ އެޓޭކްތަކުގައި ދައްކާ ހުށިޔާރުކަމެވެ. މީގެ އިތުރުން، ސަސްޕެންޝަނަށްފަހު މުހިންމު މިޑްފީލްޑަރު ޑިއޭގޯ ގޯމޭޒް އެނބުރި އައުމަކީ ޕެރަގުއޭއަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.
މި މެޗަކީ ފްރާންސްގެ މޮޅު އެޓޭކާއި ޕެރަގުއޭގެ ވަރުގަދަ ޑިފެންސާ ދެމެދު ކުރެވޭނެ ވަރުގަދަ ހަނގުރާމައެކެވެ. ފްރާންސަކީ ފޭވަރިޓުން ކަމަށް ވިޔަސް، ޕެރަގުއޭއިން ޖަރުމަނު ބަލިކުރި ގޮތަށް ފްރާންސަށް ވެސް ނުރައްކާ ކުރާނެ ކަމަށް ބެލެވެއެވެ. މި މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ކެނެޑާ ނުވަތަ މޮރޮކޯއާއެވެ.
ހެޑް-ޓު-ހެޑް
ފްރާންސާއި ޕެރަގުއޭ ބައްދަލުކުރި ތާރީޚަށް ބަލާއިރު، ފްރާންސް އޮތީ ބޮޑު ކުރިއެރުމެއްގައެވެ. މިހާތަނަށް މި ދެ ޓީމު ފަސް ފަހަރު ބައްދަލުކޮށްފައިވާއިރު، އެއްވެސް މެޗަކުން ފްރާންސް ބަލިވެފައެއް ނުވެއެވެ. މީގެ ތެރެއިން ތިން މެޗުން ފްރާންސް މޮޅުވެފައިވާއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
Ads by BMLފީފާ ވޯލްޑް ކަޕްގައި މި ދެ ގައުމު ދެ ފަހަރު ބައްދަލުކުރިއެވެ. އެއީ 1958 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައާއި 1998 ވަނަ އަހަރުގެ ގަދަ 16 ގެ ބުރުގައެވެ. މި ދެ މެޗުންވެސް މޮޅުވީ ފްރާންސްއެވެ. ޚާއްސަކޮށް 1998 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބުކުރި އަހަރު، ލޯރެންޓް ބްލޮންކް ޖެހި ގޯލްޑަން ގޯލުން ޕެރަގުއޭ ބަލިކުރި މެޗަކީ ފާހަގަކޮށްލެވޭ މެޗެކެވެ.
ލަނޑު ޖެހުމުގެ ރެކޯޑަށް ބަލާއިރު، ފްރާންސުން ޖުމްލަ 14 ލަނޑު ޖަހާފައިވާއިރު ޕެރަގުއޭއަށް ޖެހިފައިވަނީ އެންމެ 4 ލަނޑެވެ. އެންމެ ބޮޑު ތަފާތަކުން ފްރާންސް މޮޅުވީ 1958 ވަނަ އަހަރު 7-3 އިންނެވެ. އަދި އެންމެ ފަހުން 2017 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުވެސް 5-0 އިން ކާމިޔާބުކުރީ ފްރާންސްއެވެ.
ލިންކަން ފައިނޭންޝަލް ފީލްޑްގައި ކުޅޭ މި މެޗު ފަށާނީ މިރޭ ދަންވަރު ރާއްޖެ ގަޑިން 02:00 ގައެވެ.
Ads by MACL
