ވޯލްޑް ކަޕް 2026: މުބާރާތުގެ އެއް ހޮސްޓު ކެނެޑާ ކަޓުވާލައި މޮރޮކޯ ކުއާޓާ ފައިނަލަށް
ވޯލްޑް ކަޕް ގަދަ 16 ގެ ފުރަތަމަ މެޗުގައި މޮރޮކޯއިން މުބާރާތުގެ އެއް ހޯސްޓް، ކެނެޑާ 3-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުން ކަޓުވާލައިފިއެވެ. އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކާމިޔާބުކޮށް މޮރޮކޯއިން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.
މޮރޮކޯގެ ފުޓުބޯޅަ ރަސްމީވެ ފެޑަރޭޝަން އުފެދުނީ 1955 ވަނަ އަހަރުއެވެ. އޭގެ ފަހުން 1970 ގެ އަހަރުތަކުގައި ކުރިއެރުންތަކެއް ހޯދައި، 1976 ވަނަ އަހަރު އެފްކޯން ތަށި ކާމިޔާބުކުރިއެވެ. މޮރޮކޯއަކީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދައި، އެފްރިކާ ބައްރަށް ބޮޑު ޝަރަފެއް ހޯދައިދިން ގައުމެކެވެ. މީގެ އިތުރުން 2012 ގެ އަރަބް ކަޕާއި، 2018 އަދި 2020 ގެ އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕްވެސް އެގައުމުން ވަނީ ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާއިން ވަރުގަދަ ކުޅުމެއް ދައްކައި މޮރޮކޯގެ ގޯލަށް ނުރައްކާކުރިއެވެ. ނަމަވެސް ޖޮނަތަން ޑޭވިޑާއި ޓަނީ އޮލުވާޝޭ ފޮނުވާލި ހަމަލާތައް މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ހާފުގައި ފިޒިކަލް ކުޅުމެއް ފެނިގެންދިޔައިރު، ޖުމުލަ ހަ ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދެއްކިއެވެ.
ދެވަނަ ހާފު މޮރޮކޯއިން ފެށީ ވަރަށް ތަފާތު ރޫހެއްގައެވެ. މެޗުގެ 50 ވަނަ މިނެޓުގައި އަޒެދީން އުނާހީ ވަނީ ލަނޑެއް ޖަހައި މޮރޮކޯއަށް ކުރިހޯދައިދީފައެވެ. މޮރޮކޯގެ ދެވަނަ ލަނޑު 82 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި ޖަހައިދިނީވެސް އުނާހީއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސުފިއާން ރަހީމީ ވަނީ ތިންވަނަ ލަނޑު ޖަހައި މޮރޮކޯގެ މޮޅު ކަށަވަރުކޮށްދީފައެވެ.
ކެނެޑާއަކީ ފުޓުބޯޅައިގެ ބޮޑު ތާރީހެއް ނެތް ގައުމެއް ނަމަވެސް، ފަހަކަށް އައިސް އެގައުމުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. 1985 އަދި 2000 ވަނަ އަހަރު ކޮންކަކަފް ގޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ކެނެޑާއަކީ މިހާރު އުތުރު އެމެރިކާ ސަރަހައްދުގައި ތަރިން އުފައްދަމުން އަންނަ ހަބެކެވެ. މިފަހަރުގެ މުބާރާތުގެ ހޯސްޓެއްގެ ގޮތުގައި އޮވެ، ކެނެޑާއިން ވަނީ ގަދަ 16 އާ ހަމައަށް އާދެވޭވަރުގެ ވަރުގަދަ ޖީލެއް އޮތްކަން ސާބިތުކޮށްދީފައެވެ.
Ads by MACL
