އޮސްޓްރޭލިއާގެ ބޭނުންކޮށްފައިވާ ޕާކު ސާމާނު ހޯދުމުގެ ފުރުސަތު ރާއްޖޭގެ ކައުންސިލްތަކަށް ހުޅުވާލައިފި
ރާއްޖޭގެ ރަށްރަށުގައި ކުޑަކުދިންގެ ޕާކުތައް ތަރައްގީކުރުމަށް އެހީތެރިވުމުގެ ގޮތުން، އޮސްޓްރޭލިއާގެ ޕާކުތަކުގައި ކުރިން ބޭނުންކޮށްފައި ހުރި ނަމަވެސް ރަނގަޅު ހާލަތުގައި ހުރި ސާމާނުތަކެއް ކައުންސިލްތަކަށް ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
އޮސްޓްރޭލިއާ ހައިކޮމިޝަނާއި އޮސްޓްރޭލިއާ-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އޭއެމްއެފްއޭ) ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ދަށުން، މި ސާމާނު ބޭނުންވާ ރަށްރަށުގެ ކައުންސިލްތަކަށް މިހާރު ވަނީ ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި ޕްރޮގްރާމުގެ ދަށުން ދޫކުރާ ސާމާނަކީ މުޅިން އާ ތަކެއްޗަށް ނުވި ނަމަވެސް، އެއީ ބޭނުންކުރެވޭ ފަދަ ރަނގަޅު ފެންވަރެއްގައި ހުރި ތަކެތިކަން ކަށަވަރުކުރުމަށް ފަހު ދޭ އެއްޗެހި ކަމަށް ހައިކޮމިޝަނުން މައުލޫމާތުދެއެވެ. ނަމަވެސް ބައެއް ތަކެތީގައި ކުދިކުދި މަރާމާތުތައް ކުރަންޖެހިދާނެ ކަމަށާއި، އެ ތަކެތި ގެންދާ ކައުންސިލްތަކަށް އެ އެއްޗެހި ރާވާނެ ގޮތުގެ ތަފްސީލީ ޕްލޭންތައް ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި އެހީގެ ދަށުން ސާމާނު ހޯދާ ކައުންސިލްތަކުން އުފުލަންޖެހޭ މުހިންމު ޒިންމާތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި މި ސާމާނު ރައްކާކޮށްފައި ހުރި ތަންތަނުން ތަކެތި ނެގުމާއި، އެ ތަކެތި ރަށްރަށަށް ގެންދިއުމުގެ ޚަރަދާއި ޒިންމާ އުފުލަންޖެހޭނީ އެދޭ ކައުންސިލަކުންނެވެ. އޭގެ އިތުރުން ޕާކު ހަދާނެ ބިން ތައްޔާރުކުރުމާއި، މަރާމާތުކޮށް ބެލެހެއްޓުމަކީ ވެސް ކައުންސިލްތަކުގެ މަސްއޫލިއްޔަތެކެވެ.
ހައިކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، މި ސާމާނު ރާއްޖެ ގެންނަތާ އެއް މަސްދުވަހުގެ ތެރޭގައި ކައުންސިލްތަކުން ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މީގެ އިތުރުން، މިއީ ބޭނުންކޮށްފައިވާ ސާމާނަށް ވާތީ، މިފަދަ ތަކެތި ބަލައިގަތުމަށް ރަށުގެ ރައްޔިތުންގެ ރުހުން އޮތްތޯ ކަށަވަރުކުރުމަކީ ވެސް ކައުންސިލްތަކަށް ލާޒިމުކޮށްފައިވާ ކަމެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ކައުންސިލްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަންޖެހޭ އިރު، އޭގައި ރައްޔިތުންގެ ރުހުން އޮތްކަމުގެ ލިޔުމާއި، ޕާކު ހަދާނެ ތަނުގެ ތަފްސީލާއި، އެ ތަން ބަލަހައްޓާނެ ގޮތުގެ ޕްލޭން ހިމަނަންޖެހެއެވެ. ޝައުގުވެރިވާ ފަރާތްތަކުން މި ހިނގާ ޖުލައި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުންތައް ފޮނުވަންޖެހެއެވެ.
Ads by MACL
