ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުޓްބޯޅަ ލާމަރުކަޒުކުރުމަށް ތާރީޚީ ނިންމުމެއް: ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތައް އުފައްދަނީ

ފުޓްބޯޅަ ލާމަރުކަޒުކުރުމަށް ތާރީޚީ ނިންމުމެއް: ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތައް އުފައްދަނީ

ދިވެހި ފުޓްބޯޅައިގެ ހިންގުން ހަރުދަނާކޮށް، އަތޮޅުތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި މުޅިން އަލަށް ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރަސްމީކޮށް ނިންމައިފިއެވެ.

އިއްޔެ ބޭއްވުނު އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ފާސްކުރި މި ނިންމުމަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ވެސް މިފަދަ ބަދަލެއް ގެންނަން ނިންމި ފުރަތަމަ ފަހަރެވެ.

މި އައު ނިންމުމުގެ ދަށުން އުފެއްދުމަށް ހަމަޖެހިފައިވަނީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަންގެ އިތުރުން މާލެ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަނެވެ. މި ސަރަހައްދީ ޖަމްއިއްޔާތައް ވުޖޫދަށް އައުމާއެކު، އެ ސަރަހައްދެއްގައި ބާއްވާ ލީގުތަކާއި މުބާރާތްތައް ރާވައި ހިންގުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ލިބިގެންދާނީ އެ ބަޔަކަށެވެ.

މި ބަދަލާއެކު މައި އެސޯސިއޭޝަން ކަމަށްވާ އެފްއޭއެމް ބަދަލުވެގެންދާނީ ގައުމީ ފެޑެރޭޝަނަކަށެވެ. އެއަށްފަހު އެފްއޭއެމްގެ މައިގަނޑު ޒިންމާއަކަށް ވާނީ ގައުމީ ޓީމުތަކުގެ ކަންކަން ބެލެހެއްޓުމާއި، މުޅި ރާއްޖޭގެ ފުޓްބޯޅައިގެ ޖުމްލަ ސިޔާސަތުތައް ވިލަރެސްކޮށް ސުޕަވައިޒް ކުރުމެވެ.

މި އިސްލާހަކީ އެފްއޭއެމްގެ މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް ގެންނަވަން ވަކާލާތު ކުރެއްވި ބަދަލެކެވެ. ނަމަވެސް އޭރު ފީފާ އިން ލަފާދީފައިވަނީ މީގެ ކުރިން އަމަލުކޮށްފައިނުވާ ނިޒާމަކަށް ވުމުން، ފުރަތަމަ އަސާސީ ކަންކަން ފުރިހަމަކުރުމަށެވެ.

ޓޮމްގެ ލީޑާޝިޕުން ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ ފަދަ ޑޮމެސްޓިކް ފުޓްބޯޅަ ސިސްޓަމެއް ގާއިމުކޮށް، ރީޖަނަލް ލީގު ތައާރަފުކޮށްފައެވެ. އިއްޔެ އެކްސްކޯ އިން ނިންމި ނިންމުމަކީ އެޅުނު އެ ބިންގަލުގެ މަތިން ނިންމި މުހިންމު ނިންމުމެކެވެ.

މިފަދަ ސަބް އެސޯސިއޭޝަންތައް އުފެއްދުމަކީ 2016 ވަނަ އަހަރު ފާސްކުރި އަސާސީ ގަވާއިދުން ލާޒިމުކުރި ކަމެއް ނަމަވެސް، އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި އެކަން ކޮށްފައެއް ނުވެއެވެ. މި އައު ބަދަލާއެކު އަތޮޅުތެރޭގެ ހުނަރުތައް ކުރިއަރައި، ދިވެހި ފުޓްބޯޅައަށް އައު ދިރުމެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.