ޗެއާޕާސަންގެ މަގާމުގައި ހުރެ ރިޔާސީ ރޭހަށް ނުކުތުން ރަނގަޅެއް ނޫން: ނަޝީދު
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް، އެ މަގާމަށް ދާދިފަހުން އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ބޭއްވުމަށް ތައްޔާރުވަމުންދާ އެމްޑީޕީގެ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ބަދަލެއް ގެންނަނަމަ އެކަން ނިންމާނީ ކޮންގްރެސް އިން ކަމަށެވެ. އަދި ޗެއާޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ރިޔާސީ ރޭހުގައި ވާދަނުކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާ ފަރާތްތަކުން ބޭނުންވާ ބަދަލެއްކަން ވެސް ވަނީ ފާހަގަވެފަ އެވެ.
ކުރިން ކުރެއްވި ކެމްޕޭނުގައި ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވަން ބޭނުންނުވާ ކަމަށާއި، ކުރިއަށް އޮތް އިންތިހާބުގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ތާއިދުކުރައްވާނެ ކަމަށް ނަޝީދު ކުރިން ވިދާޅުވެފައިވެ އެވެ. އަދި ދެ ބޭފުޅުން ގުޅިގެން "ބޮޑު ބަދަލު" ގެ ނަމުގައި ސިޔާސަތުތަކެއް އާންމުކުރައްވާފައިވާއިރު، ނަޝީދު ޗެއާޕާސަން ކަމަށް ވަޑައިގަތް ފަހުން ފައްޔާޒާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ވަނީ ދޮގުކުރައްވައި، ދެ ބޭފުޅުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.
އެ ބޭފުޅުން ހުށަހެޅުއްވި ސިޔާސަތުގައިވާ ގޮތުން ދައުލަތުގެ އެންމެ އިސްވެރިޔާ އާއި ސަރުކާރު ހިންގުމުގެ އިސްވެރިޔާއަކީ ވަކި ދެ ބޭފުޅުންނެވެ. އެ ބަދަލާއެކު ރައީސް ނަޝީދުގެ ޝައުގުވެރިކަން ހުރީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމަށް ކަމަށާއި، ސަރުކާރު ހިންގަވާނީ އެހެން ބޭފުޅެއް ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ.
މިހާތަނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ ހަމައެކަނި ފައްޔާޒު އިސްމާއިލް އެވެ. ނަމަވެސް ކުރީގެ ރައީސް އިބޫގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް މި ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މަސްރަހު ދިރާސާކުރައްވާ ބައެއް ބޭފުޅުން ލަފާކުރައްވަ އެވެ.
Ads by MACL
