ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެއަރޕޯޓު މުވައްޒަފުންނަށް އިންޒާރުދީ ސަރކިއުލާއެއް ނެރުނު ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލް އިން ދޮގުކޮށްފި

އެއަރޕޯޓު މުވައްޒަފުންނަށް އިންޒާރުދީ ސަރކިއުލާއެއް ނެރުނު ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލް އިން ދޮގުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މުވައްޒަފުންނަށް ހަރުކަށި އިންޒާރުތަކެއްދީ ކުންފުނިން ބަޔާނެއް ނެރެފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ފެތުރެމުންދާ ރިޕޯޓުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަށަވަރުކޮށްދީފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ އެއަރޕޯޓުގެ ބެގޭޖް ކްލިއަރެންސް ސަރަހައްދަށް ބައެއް މުވައްޒަފުން ވަދެ، ފަސިންޖަރުންނާ މުއާމަލާތް ކުރުމުގެ ސަބަބުން ކަސްޓަމްސްގެ ހިދުމަތްތަކަށް ބުރޫއަރަމުންދާ ކަމަށް ބުނެ ބައެއް ނޫސްތަކުން ޚަބަރު ފެތުރުމާ ގުޅިގެންނެވެ. އެ ޚަބަރުތަކުގައި ވާގޮތުން، އެފަދަ އަމަލުތައް ތަކުރާރުކުރާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކުންފުނިން އޮތީ ދީފައެވެ.

ނަމަވެސް އެފަދަ އެއްވެސް ހާދިސާއެއް ހިނގާފައި ނުވާކަމަށާއި، މިއީ ވަކި ހާއްސަ މައްސަލައަކާ ގުޅިގެން ނެރުނު އެންގުމެއް ނޫން ކަމަށް ބުނެ އެމްއޭސީއެލް އިން ވަނީ އެ ވާހަކަތަކަށް ރައްދުދީފައެވެ.

ކުންފުނިން ހާމަކުރި ގޮތުގައި، އެއަރޕޯޓަކީ ސަލާމަތީ ގޮތުން ނުހަނު ސީރިއަސް އަދި ހައްސާސް ސަރަހައްދަކަށް ވުމާއެކު، ސެކިއުރިޓީ ފާސް ބޭނުންކުރުމުގެ މިންގަނޑުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަކީ ކުންފުނީގެ އެތެރޭގެ އުސޫލުތަކުގެ ތެރެއިން އަބަދުވެސް ހިނގަމުންދާ އާންމު ކަމެކެވެ. އަދި އެއަރޕޯޓުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ މުވައްޒަފުންގެ އަތްމަތީގައި ކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ރާއްޖޭގެ މައި ބޯޑަރުގެ ސެކިއުރިޓީ ވަރުގަދަކުރުމަށާއި، ގާނޫނާ ހިލާފު ކަންކަމަށް އޮންނަ ފުރުސަތުތައް ނައްތާލުމަށްޓަކައި ހެދިފައިވާ ހަރުދަނާ ގަވާއިދުތަކަށް ހުރިހާ ވަގުތެއްގައިވެސް ބޯލެނބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.