ހިންނަވަރުގެ އާ ފުޓްސަލް ދަނޑު ވަޒީރު ޢަބްދުﷲ ރާފިޢު ހުޅުވައިދެއްވައިފި
ޅ. ހިންނަވަރުގައި ސަރުކާރުން ގާއިމްކޮށްދެއްވި އާ ފުޓްސަލް ދަނޑު، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި ދަނޑަކީ ހިންނަވަރުގެ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވިތާ 8 އަހަރު ފަހުން އެ ރަށުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ސަރުކާރުން ބިނާކޮށްދެއްވި ދަނޑެކެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި ދަނޑުގެ މަސައްކަތް އެ ކުންފުނިން ނިންމާލާފައިވަނީ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.
އާ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ގަނޑިޔަ ފުޓްސަލް ޗެލެންޖު" ފައްޓަވައިދެއްވާފައެވެ.
މިއީ ކުރީގެ ދަނޑު ހަލާކުވުމުގެ ސަބަބުން ރަށުގައި ފުޓްސަލް މުބާރާތެއް ނުބޭއްވި އޮތުމަށްފަހު، ހިންނަވަރުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ޅ. ހިންނަވަރަކީ އަބަދުވެސް ފުޓްސަލް އަދި ފުޓްބޯޅައަށް ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުންތެރިންތަކެއް އުފެދިފައިވާ، ކުޅިވަރުގެ ފޯރި ގަދަ ރަށެކެވެ. ނަމަވެސް، އެ ރަށުގައި ކުރިން ބޭނުންކުރަމުންދިޔަ ފުޓްސަލް ދަނޑު ބޭނުންނުކުރެވޭ ވަރަށް ހަލާކުވުމާ ގުޅިގެން، ފާއިތުވި އަށް އަހަރު ދުވަހު ރަށުގެ ޒުވާނުންނަށް ވަނީ އެކަށީގެންވާ ފެންވަރެއްގެ ދަނޑެއްގައި ކުޅިވަރު ކުޅުމުގެ ފުރުޞަތު ގެއްލިފައެވެ.
މިކަމުގެ ސަބަބުން ރަށު ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި ބާއްވާ މުބާރާތްތަކަށް ތައްޔާރުވުމުގައި ޒުވާނުންނަށް ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ނަމަވެސް، އަލަށް ހުޅުވުނު މި ޒަމާނީ ފުޓްސަލް ދަނޑާއެކު ރަށުގެ ކުޅިވަރުގެ ފޯރި އަލުން އާލާވެ، ޒުވާނުންގެ ހުނަރުތައް ތަރައްގީކުރުމަށް އާ ދޮރެއް ހުޅުވިގެންދާނެ ކަމަށް އެ ރަށުގެ ރައްޔިތުން އުންމީދުކުރެއެވެ.
Ads by MACL
