ވޯލްޑް ކަޕް 2026: މެކްސިކޯ - އިންގްލޭންޑް (މެޗް ޕްރިވިއު)
ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދުމަށް މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އާއި އިންގްލޭންޑް މިރޭ ކުރިމަތިލާއިރު، މިއީ މި މުބާރާތުގައި މިހާތަނަށް ކުޅެވޭނެ އެންމެ ފޯރިގަދަ އެއް މެޗަށް ވާނެއެވެ. މެކްސިކޯގެ ސަޕޯޓަރުންގެ ފަރާތުން އިންގްލޭންޑް ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، މޫސުން ގޯސްވުމުގެ ބިރު އޮތް ނަމަވެސް ފީފާއިން ނިންމާފައިވަނީ ކުރިންވެސް ތާވަލުކުރެވުނު ގޮތަށް މެޗު ކުރިއަށް ގެންދިއުމަށެވެ.
ދެ ޓީމުގެ ފޯމާއި ތާރީޚީ ކުރިމަތިލުންތައް
މެކްސިކޯ މި މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރީ އެކުއެޑޯ 2-0 އިން ބަލިކުރުމަށްފަހުގައެވެ. މިއީ 1986 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގެ ނޮކްއައުޓް މެޗަކުން މެކްސިކޯ މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން އިންގްލޭންޑް މި މަގާމަށް އައީ ކޮންގޯއާ ދެކޮޅަށް ކުޅެ 2-1 އިން މޮޅުވެގެންނެވެ. ތާރީޚަށް ބަލާއިރު މި ދެ ޓީމު ބައްދަލުކުރި ހަތަރު ފަހަރުވެސް މޮޅުވެފައިވަނީ އިންގްލޭންޑެވެ. ނަމަވެސް، މެކްސިކޯގެ އަމިއްލަ ފަސްގަނޑުގައި މި ދެ ޓީމު އަދި ބައްދަލުކޮށްފައެއް ނުވެއެވެ.
އަޒްޓޭކާ ސްޓޭޑިއަމާއި އިންގްލޭންޑްގެ ބިރުވެރި ހަނދާންތައް
މިރޭގެ މެޗު ކުޅުމަށް ހަމަޖެހިފައިވާ މެކްސިކޯގެ މަޝްހޫރު އަޒްޓޭކާ ސްޓޭޑިއަމަކީ އިންގްލޭންޑަށް ހިތި ހަނދާންތަކެއް އާކޮށްދޭ ދަނޑެކެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ މެރެޑޯނާ އަތުން ޖެހި ލަނޑު (ހޭންޑް އޮފް ގޯޑް) އިންގްލޭންޑް ކޮޅަށް ވަނީ މި ދަނޑުގައެވެ. އެހެންނަމަވެސް، މިފަހަރުގެ މުބާރާތުގައި 5 ލަނޑު ޖަހާފައިވާ ކެޕްޓަން ހެރީ ކޭން ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ. މިއީ އިންގްލޭންޑަށް އޮތް ބޮޑު އުންމީދެކެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، ތާރީޚީ ގޮތުން އިންގްލޭންޑަށް ކުރި ލިބުނު ނަމަވެސް، އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި މެކްސިކޯއިން ދައްކާނެ ކުޅުމަކީ އިންގްލޭންޑަށް ފަސޭހަވާނެ ކަމެއް ނޫނެވެ. މި މެޗަކީ ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ ފޯރިގަދަ ކުރިމަތިލުމަކަށް ވާނެއެވެ.
ގަދަ 16 ވަނަބުރުގަހއި އިންގްލެންޑާއި މެކްސިކޯ ބައްދަލުކުރާ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން މިރޭ ފަތިހު 5:00 ގައިއެވެ.
Ads by BML
Ads by MACL
