ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކެންސަރު ބޭހެއްގެ ފޭކް އިންޖެކްޝަންތަކެއް ރާއްޖެއިން ފެނިއްޖެ; ޑަބްލިއުއެޗްއޯގެ އިންޒާރު!

ކެންސަރު ބޭހެއްގެ ފޭކް އިންޖެކްޝަންތަކެއް ރާއްޖެއިން ފެނިއްޖެ; ޑަބްލިއުއެޗްއޯގެ އިންޒާރު!
ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗްތަކެއް ރާއްޖެއިން ފެނުމާ ގުޅިގެން އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިލްތިމާސްކޮށްފިއެވެ.
ރާއްޖެ އާއި މެކްސިކޯއިން ފެނުނު މި ބޭސްތަކުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ، ފަރުވާގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރާފާނެ ކަމަށް ޑަބްލިއުއެޗްއޯއިން މިއަދު ނެރުނު އެލާޓްގައި ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯ އިން ބުނިގޮތުގައި އެންމެ ކަންބޮޑުވާ ކަމަކީ ބައެއް ހޮސްޕިޓަލްތަކަށް އެ ބޭސް ލިބިފައިވުމެވެ. އަދި އެއީ ބޭސް ފޯރުކޮށްދިނުމުގެ ބައިނަލްއަގްވާމީ ނިޒާމާ މެދު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ. "ޑާޒަލެކްސް" އަކީ ކަށީގެ މަދުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ މުހިންމު އެންޓިބޮޑީއެކެވެ.

ސައްހަ ނޫން ބެޗް ނަމްބަރުތައް


ޑަބްލިއުއެޗްއޯއިން ވަނީ ސިއްހީ އުފެއްދުންތަކެއްގެ ނަމުގައި އޮޅުވާލައިގެން ބާޒާރަށް ނެރެފައިވާ އެ ބެޗްތަކުގެ ނަމްބަރުތައް ހާމަކޮށްފައެވެ. ބޭސް އުފައްދާ ކުންފުނި ކަމަށްވާ ޖޭންސެންއާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ MYS7381 އަދި STV1K01 ނަމްބަރު ޖަހާފައިވާ ބެޗްތަކަކީ ސައްހަ ބެޗްތަކެއް ނޫން ކަމަށެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ވަނީ މި ބެޗްތަކުގެ ބައެއް ފުޅިތަކުގެ އެތެރޭގައި ލޮލަށް ފެންނަ ކުނޑި ނުވަތަ އިތުރު މާއްދާތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ.

މި ބޭހުގެ ފެންވަރު ދަށް އުފެއްދުންތަކެއް ދައުރުވުމަކީ ބަލިމީހުންނަށް ދޭންޖެހޭ ފަރުވާ ލަސްވުމާއި، ފަރުވާ ކާމިޔާބު ނުވުމުގެ އިތުރުން ފުރާނައަށް ނުރައްކާވާ ފަދަ ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން އިންޒާރު ދެއެވެ. އެހެންކަމުން، ބޭސް ކޮންޓްރޯލްކުރާ އިދާރާތަކަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ބޭހުގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އާންމުންނަށް ދީފައިވާ އިރުޝާދު


ބޭސް ގަންނައިރު ހަމައެކަނި ހުއްދަ ލިބިފައިވާ ބޭސް ފިހާރަތަކުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ބޭސް ހޯދުމަށް ޑަބްލިއުއެޗްއޯއިން އިލްތިމާސްކުރެއެވެ. އަދި ބޭހުގެ ބޭރު ކަވަރާއި ޕެކޭޖިން ރަނގަޅަށް ޗެކް ކުރުމަށާއި، ބޭހުގެ ސިފައަށް ބަދަލެއް އައިސްފައިވާނަމަ ނުވަތަ އެއީ އަސްލު ބޭސް ނޫން ކަމަށް ޝައްކުވާނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދަން ވަނީ އިރުޝާދު ދީފައެވެ. ފޭކް ބޭހެއް ކަމަށް ޝައްކުކުރެވޭނަމަ ނުވަތަ ބޭސް ބޭނުން ކުރުމުން އާދަޔާ ހިލާފު ނޭދެވޭ އަސަރެއް ފެނިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ވެސް ވަނީ އަންގާފައެވެ.

ޑަބްލިއުއެޗްއޯއިން ލަފާކުރާ ގޮތުގައި ކުރިއަރަމުން އަންނަ ގައުމުތަކާއި ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ބޭހުގެ ކޮންމެ ދިހަ ބާވަތަކުން އެއް ބާވަތަކީ ފެންވަރު ދަށް ނުވަތަ އޮޅުވާލައިގެން އުފައްދާފައިވާ ބޭހެކެވެ. މިއީ މުޅި ދުނިޔޭގެ އާންމު ސިއްހަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް އެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ.