ވޯލްޑް ކަޕް 2026: މެކްސިކޯގެ ވޯލްޑް ކަޕް ހުވަފެން ނިމުމަކަށް؛ އިންގްލެންޑް ކުއާޓާ އަށް
މިރޭގެ މެޗަކީ ތާރީހީ ގޮތުން އެތައް ކަމަކާ ގުޅިފައި އޮތް މެޗެކެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އަތުން އިންގްލެންޑް ބަލިވި ހިތްދަތި ހަނދާންތައް ހުރި މި ސްޓޭޑިއަމްގައި، މެކްސިކޯއިން ވަނީ 2013 ވަނަ އަހަރުގެ ފަހުން ބަލިނުވެ 26 މެޗުގެ ރެކޯޑެއް ދަމަހައްޓާފައެވެ. ނަމަވެސް އިންގްލެންޑުން ވަނީ އެ ރެކޯޑަށް ނިމުން ގެނެސް، މެކްސިކޯގެ ސަޕޯޓަރުން ހަމަހިމޭން ކޮށްލާފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ވަނީ ފުލުފުލުގައި ދެ ގޯލް ޖަހައި ލީޑު ނަގާފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް އިންގްލެންޑަށް ކުރިހޯދައިދިން އިރު، އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މިއާއެކު ބެލިންހަމް ވެފައިވަނީ 1986 ގެ ފަހުން އަޒްޓެކާގައި ބޭއްވި ވޯލްޑް ކަޕް މެޗެއްގައި ދެ ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެކްސިކޯގެ ހޫލިއަން ކިނިއޮނޭސް ވަނީ ގޯލެއް ޖަހައި އުންމީދު އާކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން 54 ވަނަ މިނެޓުގައި އިންގްލެންޑްގެ ޖެރެލް ކުއަންސާއަށް ދެއްކި ސީދާ ރަތް ކާޑާއެކު އެޓީމު އެކަކު މަދުކޮށް ކުޅެން ޖެހުނެވެ. އެހެންނަމަވެސް، 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ހެރީ ކޭން ވަނީ އިންގްލެންޑަށް ތިންވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. މެކްސިކޯގެ ރައުލް ހިމެނޭޒް 67 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ގޯލެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، އިންގްލެންޑުން ވަނީ ވަރުގަދަ އަށް ޑިފެންސްކޮށް މެޗު ކާމިޔާބުކޮށްފައެވެ.
މި މޮޅާއެކު އިންގްލެންޑް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ އިރު، ކުއާޓާގައި އެޓީމު ބައްދަލުކުރަން ޖެހޭނީ ނޯވޭއާއެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯ ކޮޅަށް ގޯލެއް ވަން ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލެވެއެވެ.
Ads by MACL
