ސަޢޫދީ ވަފުދުން ރައީސް ޑރ. މުޢިއްޒާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި
ދިވެހިރާއްޖެއަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ ވަފުދަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާތައް ބާއްވަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއާ އެކު އެ ވަފުދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި، ވަލީއަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ދިވެހިރާއްޖެއާމެދު ބަހައްޓަވާ ޚާއްސަ ގާތްކަމާއި، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް އެ ޤައުމުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
ސަޢޫދީ ވަފުދުގެ ފަރާތުން ވަނީ ދިވެހި ސަރުކާރާއި ރައްޔިތުން އެ ވަފުދަށް އަދާކުރި ހޫނު މަރުޙަބާއަށާއި، ބެހެއްޓެވި މެހުމާންދާރީއަށް ފުން ޝުކުރެއް ދަންނަވާފައެވެ. ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ދެ ފަރާތުންވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވާ މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނާއި ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by MACL
