އިންޑިއާގައި އެޕަލްގެ ޚިދުމަތްތަކަށް ކާޑުން ފައިސާ ދެއްކޭގޮތް އަނެއްކާވެސް ހަދައިފި
އިންޑިއާގައި އެޕަލްގެ އެޕް ސްޓޯރާއި އައިކްލައުޑް ފަދަ ޚިދުމަތްތަކަށް އަނެއްކާވެސް ކްރެޑިޓް އަދި ޑެބިޓް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
މީގެ ފަސް އަހަރު ކުރިން މި ޚިދުމަތް މެދުކެނޑުނު ފަހުން، މިހާރު ކަސްޓަމަރުންނަށް އެމީހުންގެ ކާޑުތައް އެޕަލް އެކައުންޓްތަކާ ގުޅުވައިގެން ވިޔަފާރިކުރެވޭނެ މަގު ވަނީ ފަހިވެފައެވެ.
މީގެ ކުރިން 2021 ވަނަ އަހަރު، އިންޑިއާގެ ރިޒާވް ބޭންކުން ކާޑުތަކުގެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ތައާރަފުކުރި "ޓޯކަނައިޒޭޝަން" މެންޑޭޓާ ގުޅިގެން އެޕަލްއިން ވަނީ ކާޑުތަކުން ފައިސާ ދެއްކުމުގެ ޚިދުމަތް އެގައުމުގައި ހުއްޓާލާފައެވެ. އެ މުއްދަތުގެ ތެރޭގައި އެޕަލްގެ ޚިދުމަތްތަކަށް ފައިސާ ދައްކަމުން އައީ ހަމައެކަނި ޔޫޕީއައި ނުވަތަ ނެޓް ބޭންކިން މެދުވެރިކޮށެވެ.
އާރްބީއައިގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެޕަލްއިން މިހާރު ވަނީ ކާޑުތަކުގެ މައުލޫމާތު ރައްކާތެރިކުރުމުގެ އުސޫލުތައް ފުރިހަމަކޮށްފައެވެ. މި ބަދަލާއެކު އެޕް ސްޓޯރުގެ ގަތުންތަކާއި، އެޕްތައް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ އިތުރުން އެޕަލް މިއުޒިކް އަދި އައިކްލައުޑް ޕްލަސްގެ ސަބްސްކްރިޕްޝަންތަކަށް ފަސޭހަކަމާއެކު ކާޑުން ފައިސާ ދެއްކޭނެއެވެ.
މި ޚިދުމަތް މިހާރު ބައެއް ކަސްޓަމަރުންނަށް ލިބެމުން އަންނައިރު، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެންމެހާ ކަސްޓަމަރުންނަށް މި ފުރުސަތު ފުޅާކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އިންޑިއާގައި އެޕަލް ޕޭ ތައާރަފު ކުރުމާ ގުޅޭގޮތުން އެ ކުންފުނިން އަދި ރަސްމީ އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
