ވޯލްޑް ކަޕް 2026: ސްޕެއިން - ޕޯޗުގަލް (މެޗު ޕްރިވިއު)
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ބުރުގައި މިރޭ އާލިންގްޓަންގައި ވާދަވެރި ސްޕެއިނާއި ޕޯޗުގަލް ބައްދަލުކުރާނެއެވެ. މިއީ ޔޫރަޕްގެ ދެ ގަދަބާރުގެ ކުރިމަތިލުމަކަށް ވުމުން މުޅި ދުނިޔޭގެ ސަމާލުކަން މި މެޗަށް ވަނީ ހުއްޓިފައެވެ. ދެ ޓީމުގެ މެދުގައި އޮތް ތާރީޚީ ވާދަވެރިކަމާއި، މުބާރާތުގެ ކުރިއަށް އޮތް މަރުހަލާތަކަށް ދިއުމަށް އޮތް ފުރުސަތުތަކަށް ބަލާއިރު، މިއީ މި މުބާރާތުގެ މިހާތަނަށް ފެންނާނެ އެންމެ ފޯރިގަދަ އެއް މެޗަށް ވާނެކަމަށް ބެލެވެއެވެ.
ދެ ޓީމުގެ ފޯމާއި ގަދަ 16އަށް ކުރި ދަތުރު
ސްޕެއިން މި ބުރަށް ދަތުރުކުރީ ގްރޫޕް 'އެޗް' ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ލުއިސް ޑެލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅޭ ސްޕެއިން ޓީމު ވަނީ މި މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކާފައެވެ. ސައުދީ އަރަބިއްޔާ އާއި އުރުގުއޭ ބަލިކޮށް، ގަދަ 32 ގެ ބުރުގައި އޮސްޓްރިއާ އަތުން 3-0 އިން ހޯދި މޮޅާއެކު އެޓީމު އޮތީ ވަރަށް އިތުބާރާއެކުގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މުބާރާތުގައި މިހާތަނަށް ސްޕެއިންގެ ކޮޅަށް އެއްވެސް ގޯލެއް ވަދެފައެއް ނުވެއެވެ.
ޕޯޗުގަލް ދެވަނަ ބުރަށް ހޮވުނީ ގްރޫޕް 'ކޭ' ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ރޮބާޓޯ މާޓިނޭޒްގެ ޓީމު ގްރޫޕް ސްޓޭޖުގައި ކޮންމެވެސް ވަރަކަށް އުނދަގޫތަކާ ކުރިމަތިލީ ނަމަވެސް، ގަދަ 32 ބުރުގައި ކްރޮއޭޝިއާ އަތުން 2-1 އިން ހޯދި މޮޅާއެކު އެޓީމު ވަނީ ނޮކްއައުޓް ބުރުގެ ފޯރި ހިފާފައެވެ. މި މެޗަކީ ޕޯޗުގަލްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑް ކަޕް މެޗަށް ވުމުގެ ފުރުސަތު އޮތުމުން، މިއީ އެޓީމަށް ވަރަށް މުހިންމު މެޗެކެވެ.
ސްޕެއިންގެ ހާލަތާއި ބަދަލުހިފުމުގެ ރޫހު
ސްޕެއިނަކީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވުނު ނަމަވެސް، މިހާތަނަށް އެޓީމަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ޚާއްޞަކޮށް އެޓީމުގެ އެޓޭކް ބަރޯސާވާ ނިކޯ ވިލިއަމްސް އާއި ލަމީން ޔަމާލްއަށް ލިބުނު އަނިޔާތަކާ ގުޅިގެން ޓީމުގެ ދުވެލި ވަނީ މަޑުޖެހިފައެވެ. ނަމަވެސް މިރޭގެ މެޗަކީ ސްޕެއިނަށް ބަދަލުހިފުމުގެ މެޗެކެވެ. އެއީ މިދިޔަ އަހަރުގެ ނޭޝަނަލް ލީގުގެ ތަށި ސްޕެއިނަށް ގެއްލުނީ ޕޯޗުގަލް އަތުން ބަލިވުމުން ކަމަށްވާތީއެވެ.
ރޮނާލްޑޯގެ ނުރައްކަލާއި ފާޑުކިއުންތައް
ސްޕެއިންގެ ގޯލްކީޕަރު އުނާއީ ސިމޮން ފާހަގަކުރި ގޮތުގައި، އުމުރުން 41 އަހަރުގެ ރޮނާލްޑޯއަކީ ކުރީގެ ފޯމުގައި ނެތް ނަމަވެސް އަދިވެސް ނުރައްކާތެރި ކުޅުންތެރިއެކެވެ. އެހެންކަމުން ސްޕެއިންގެ މައިގަނޑު ވިސްނުމަކީ ޕެނަލްޓީ އޭރިއާ ތެރޭގައި ރޮނާލްޑޯއަށް ޖާގަ ނުދީ ހިފެހެއްޓުމެވެ. އަނެއްކޮޅުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވަމުންދާއިރު، ފުޓްބޯޅައިގެ ކުރީގެ ތަރިން ކަމަށްވާ ތިއެރީ އޮންރީ އާއި އިބްރަހޮމަވިޗް ގަބޫލުކުރާ ގޮތުގައި ޕޯޗުގަލްއަށް ކާމިޔާބު ނުލިބެނީ މާބޮޑަށް ރޮނާލްޑޯއަށް ބަރޯސާވާތީއެވެ.
ޓެކްޓިކަލް ކުރިމަތިލުން
މިރޭގެ މެޗަކީ ޔޫރަޕުގެ އެންމެ ވަރުގަދަ މިޑްފީލްޑަރުންގެ ކުރިމަތިލުމަކަށް ވެގެންދާއިރު، ސްޕޭނުން އަރިމަތިން ހަމަލާ އުފައްދަން މަސައްކަތް ކުރާނެއެވެ. އޭގެ ބަދަލުގައި ޕޯޗުގަލްއިން މަސައްކަތް ކުރާނީ އެމީހުންގެ ހުނަރުވެރި އެޓޭކިން މިޑްފީލްޑަރުން ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުމަށެވެ. ކޯޗު މާޓިނޭޒްގެ އިރުޝާދުގެ ދަށުން ޕޯޗުގަލްއިން ގިނަ ގޯލުތަކެއް ޖެހި ނަމަވެސް، ދިފާއީ ކުޅުމެއް ކުޅޭ ޓީމުތަކާ ދެކޮޅަށް ނަތީޖާ ނެރުމުގައި އެޓީމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެއެވެ.
ޖުމްލަކޮށް ބަލާއިރު، މިރޭގެ މެޗަކީ ދެ ޓީމަށްވެސް ވަރަށް ބޮޑު އިމްތިހާނެކެވެ. ސްޕެއިންގެ ވަރުގަދަ ދިފާއާއި ޕޯޗުގަލްގެ ތަޖުރިބާކާރު އެޓޭކް ބައްދަލުކުރާއިރު، މެޗުގެ ނަތީޖާ ކޮންމެ ކޮޅަކަށްވެސް އެނބުރިދާނެއެވެ. މިއީ މުބާރާތުގެ ތައްޓާ ހަމައަށް ދިއުމަށް ޕޯޗުގަލްއަށާއި ރޮނާލްޑޯއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އަދި ސްޕެއިނަށް މިއީ އެޓީމުގެ އަސްލު ފެންވަރު ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
ހެޑް-ޓު-ހެޑް
ސްޕެއިން އާއި ޕޯޗުގަލް މިހާތަނަށް ރަސްމީ 41 މެޗެއްގައި ބައްދަލުކޮށްފައިވެއެވެ. މި ކުރިމަތިލުންތަކުގެ ތާރީޚަށް ބަލާއިރު ސްޕެއިން އޮތީ ބޮޑު ކުރިއެރުމެއްގައެވެ. އެގޮތުން ސްޕެއިން 18 މެޗުން މޮޅުވެފައިވާއިރު، ޕޯޗުގަލްއަށް މޮޅުވެވިފައިވަނީ އެންމެ 6 މެޗުންނެވެ. އަދި 17 މެޗު ނިމުނީ އެއްވަރުވެގެންނެވެ. ލަނޑުގެ ތަފާތަށް ބަލާއިރު ސްޕެއިންއިން 82 ލަނޑު ޖަހާފައިވާއިރު ޕޯޗުގަލްއަށް ޖެހިފައިވަނީ 48 ލަނޑެވެ.
Ads by BMLވޯލްޑް ކަޕްގެ ތާރީޚުގައި މި ދެ ގައުމު ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައެވެ. އެ ފޯރިގަދަ މެޗު 3-3 އިން އެއްވަރުވިއިރު، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ހެޓްރިކެއް ހަދާފައެވެ. ސްޕެއިންގެ ލަނޑުތައް ޖަހައިދިނީ ޑިއޭގޯ ކޮސްޓާ އާއި ނާޗޯ ފެނާންޑޭޒްއެވެ.
ފަހުގެ ތާރީޚަށް ބަލާއިރު މި ދެ ޓީމުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފަހަކަށް އައިސް ކުޅެވުނު ގިނަ މެޗުތައް އެއްވަރުވެފައިވާއިރު، ބައެއް މެޗުތައް ނިމިފައިވަނީ އެންމެ ލަނޑެއްގެ ތަފާތުންނެވެ. މި ދެ ޓީމަކީވެސް ފަންނީ ގޮތުން އެއްގޮތް ކުޅުމެއް ކުޅޭ އަދި ޑިފެންސް ވަރުގަދަ ދެ ޓީމު ކަމަށްވާތީ، މެޗުތަކުގައި ނަތީޖާ ނެރުން އުނދަގޫވެއެވެ.
އޭޓީ އެންޑް ޓީ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގައެވެ.
Ads by MACL
