ދުވާރުމަތީގައި އުޅަނދު ޕާކުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދުތައް ޕާކުކުރުން އިތުރުވަމުންދާތީ، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެންމެހައި ފަރާތްތަކަކަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން ހަނދާންކޮށްދީފައިވާ ގޮތުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ފައިމަގުގައި ހިނގުމަށް ހާއްސަކުރެވިފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި އުޅަނދު ދުއްވުމާއި ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެކެވެ.
އެހެންނަމަވެސް، ކުޑަކުދިންގެ ޕްރޭމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ އަދި އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފަދަ ތަކެތި މި މަނާކުރުމުން އިސްތިސްނާވާނެއެވެ.
ދުވާރުތަކަކީ ހިނގާ މީހުންނަށް އަމާންކަމާއެކު އުޅެވޭނެ މަގުތަކަކަށް ހެދުމަށްޓަކައި، ގާނޫނާ ހިލާފަށް އުޅަނދު ޕާކުކުރުން ހުއްޓާލުމަށް ފުލުހުން ވަނީ ބާރުއަޅުއްވާފައެވެ.
ހުޅުމާލޭގެ ކުދި އަދި ބޮޑެތި މަގުތަކުގެ ދުވާރުތަކުގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކުކުރުމުގެ މައްސަލަ ބޮޑުވެ، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ހާއްސަކޮށް ފުރޮޅުލީ ގޮނޑި ބޭނުންކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަގު ބޭނުންކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާތީ އާންމުންގެ ޝަކުވާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މީގެ ކުރިންވެސް ފުލުހުންނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލޭގެ ދުވާރުތައް ހުސްކުރުމަށާއި، ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުމާއި ޓޯކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފައިވާއިރު، މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިވުމަކީ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.
Ads by MACL
