އޭއައި ޓޫލްސް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ގަބޫލެއް ނުކުރާނެ: އިމިގްރޭޝަން
ޕާސްޕޯޓަށް އެދި ފޯމު ހުށަހަޅާއިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްތައް ބޭނުންކޮށްގެން ބަދަލުތައް ގެނެސްފައިވާ ފޮޓޯތައް ބަލައިނުގަންނާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން އާންމުކުރި ހޭލުންތެރިކުރުވުމުގެ ޕޯސްޓެއްގައި ބުނެފައިވަނީ، އޭއައިގެ އެހީގައި ޕާސްޕޯޓް ފޮޓޯ އެޑިޓްކުރުމަކީ ކަނޑައެޅިފައިވާ އުސޫލުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި މިފަދަ ފޮޓޯތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބަލައިނުގަނެ ރިޖެކްޓް ކުރެވޭނެތީ، ޕާސްޕޯޓަށް އެދޭ އެންމެހާ ފަރާތްތަކުން ވެސް އެއްވެސް ބަދަލެއް ނުގެންނަ، އަސްލު ފޮޓޯ ހުށަހެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި އެންގުން އައިސްފައިވަނީ އޮންލައިންކޮށް ޕާސްޕޯޓަށް އެދޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ހަމައެއާއެކު، ފޮޓޯ ރީތިކުރުމަށާއި އެކި ބަދަލުތައް ގެނައުމަށްޓަކައި އޭއައި އެޕްލިކޭޝަންތައް ބޭނުންކުރުން އާންމުންގެ މެދުގައި ބޮޑުތަނުން އިތުރުވެފައިވާކަން ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
Ads by BMLޕާސްޕޯޓް ފޮޓޯއަކީ އިންސާނާގެ ބައިއޯމެޓްރިކް މައުލޫމާތު ދެނެގަތުމަށް ބޭނުންކުރާ ރަސްމީ ލިޔުމަކަށް ވާތީ، އޭގައި ހުންނަ މީހާގެ އަސްލު ސިފަތަކަށް ބަދަލު އަންނަ ގޮތަށް އެޑިޓްކުރުމަކީ ސަލާމަތީ ގޮތުންނާއި އުސޫލީ ގޮތުން ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
Ads by MACL
