ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަބަބެއް ނެތި ސްކޫލަށް ނުދާ ދަރިވަރުންނަށް ފިޔަވަޅު އެޅުމަށް ޕްރިންސިޕަލުންނަށް އަންގައިފި

އދ. އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ބައްދަލުވުމުގެ ތެރެއިން
އދ. އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ބައްދަލުވުމުގެ ތެރެއިން

ސްކޫލަށް ނުދާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާތީ، އެއްވެސް މަގުބޫލު ސަބަބެއް ނެތި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންނަށް ފިޔަވަޅު އެޅުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަންގާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދަރިވަރަކު ސްކޫލަށް ނުދާ ނަމަ އެކަން ދެނެގަންނަން ޖެހޭ ކަމަށެވެ.

"މިސާލަކަށް ދަރިވަރަކު ސްކޫލަށް ނުގޮސްފާނެ ބަލިވެގެން ނުވަތަ ފްލޫއެއް ޖެހިގެންނެއް ނޫން މި ނަންގަންނަނީ، އެއްވެސް ސަބަބަކާހުރެ ސްކޫލަށް ކުއްޖަކު ނުދިއުމަކީ އެއީ ވެގެންވާނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި، ސަބަބެއް ނެތި ސްކޫލަށް ނުދާ ކުދިން ދެނެގަނެ ފިޔަވަޅު އެޅުމަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރީގެ ސަރުކާރުގައި އެޓެންޑެންސް މޮނިޓަރިން މެކޭނިޒަމް ދަށްވެފައި އޮތް ނަމަވެސް، މިހާރު ކޮންމެ ދުވަހަކު ސްކޫލްތަކުން އެޓެންޑެންސް ރިޕޯޓު ފޮނުވަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޖެހިޖެހިގެން ތިން ދުވަހު ސްކޫލަށް ނައިސްފި ނަމަ އެކަން ރިޕޯޓުކުރަން ޖެހެ އެވެ. އަދި 10 ދުވަހަށް ވުރެ ގިނަ ދުވަހު ހާޒިރުނުވާ ނަމަ އެއީ "ލޯންގް އެބްޒެންޓީ" އެއްގެ ގޮތުގައި ބެލެވޭނެ އެވެ. މި އަހަރުގެ ޖުލައި މަހުން ފެށިގެން އެކުލަވާލި އައު އުސޫލުގެ ދަށުން ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ނުދާކަން މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފަ އެވެ.

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، ވޯލްޑްކަޕް ކުރިއަށްދާ މި ދުވަސްވަރު ގާތްގަނޑަކަށް އަށް ހާސް ދަރިވަރުން ސްކޫލަށް ހާޒިރުނުވެ އެވެ. މީގެ ތެރެއިން 40 ޕަސެންޓަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ. "ދަރިވަރަކު ސްކޫލަށް ނުގޮސް ހުންނަން މިނިސްޓްރީން ދޫކޮށެއް ނުލާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލަށް ނުދާ ދަރިވަރުންގެ އަދަދު އިތުރުވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އެ ކުދިން އަލުން ސްކޫލަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝަފީއު ވަނީ ދެއްވާފަ އެވެ.