ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި

މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ ނިޒާމު ޤާއިމްކޮށް، އެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ. މިއީ މާލޭ ނޯތު ހާބަރު ބޭނުންކުރާ އުޅަނދުފަހަރަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ފެށި މަސައްކަތެކެވެ.

މީގެކުރިން މާލެ ނޯތު ހާބަރުގެ "އޭ ޒޯން" ބޮޑުތަކުރުފާނު މަގާވީ ފަރާތުން ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. އެ ސަރަހައްދުގައި މީގެކުރިން މި ޚިދުމަތްތައް ފޯރުކޮށްދެމުން އައީ ހަމައެކަނި "ބީ ޒޯން" އާއި "ސީ ޒޯން" އިންނެވެ. ނަމަވެސް އައު ނިޒާމާއެކު މިހާރު އޭ ޒޯނުންވެސް މި ލުއިފަސޭހަކަން އޮޑިވެރިންނަށް ލިބިގެންދާނެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ހާމަކުރި ގޮތުގައި، އަލަށް ޤާއިމްކުރި ނިޒާމުގެ ދަށުން "އޭ ޒޯން" އިން އެއްފަހަރާ 48 އުޅަނދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން، އެ ސަރަޙައްދުގައި ފެނުގެ ޚިދުމަތް ދިނުމަށްޓަކައި 16 ޕޮއިންޓެއް ވަނީ ޤާއިމްކޮށްފައެވެ.

މި މަސައްކަތަކީ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ނިންމައި، ނޯތު ހާބަރު ސަރަހައްދު އަލުން ހުޅުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ. ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި، އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވަނީ މިދިޔަ ފެބްރުވަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

މަގު ތަރައްޤީ ކުރުމުގެ މި ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައި، މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން 6 މީޓަރުގެ ސަރަޙައްދެއް ވަނީ ހިއްކާފައެވެ. މި ބަދަލުތަކާއެކު ނޯތު ހާބަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، އޮޑިދޯނިފަހަރަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު މިވަނީ ތަނަވަސްވެފައެވެ.