ވޯލްޑް ކަޕް 2026, ގަދަ 16: އާޖެންޓީނާ އާއި މިސްރުގެ ކުރިމަތިލުން؛ މިސްރަށް އާޖެންޓީނާ ހުއްޓުވިދާނެތަ؟
މި މުބާރާތުގައި ދެ ޓީމު ގަދަ 16 އަށް ދަތުރުކުރުން
ކޯޗު ލިއޮނަލް ސްކަލޯނީގެ އިރުޝާދުގެ ދަށުން ކުޅޭ އާޖެންޓީނާ މި ބުރަށް ދަތުރުކުރީ ގްރޫޕް 'ކޭ' ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި އަލްޖީރިއާ، އޮސްޓްރިއާ އަދި ޖޯޑަން ބަލިކޮށް ފުރިހަމަ ރެކޯޑަކާއެކު އައި ނަމަވެސް، ގަދަ 32 ގެ ބުރުގައި ކޭޕް ވާޑްއާ ދެކޮޅަށް އެޓީމަށް ވަނީ ވަރުގަދަ ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. އެ މެޗުން އާޖެންޓީނާ މޮޅުވީ އިތުރު ވަގުތުގެ ފަހުކޮޅު ޖެހި ލަނޑާއެކު 3-2 އިންނެވެ.އަނެއްކޮޅުން ހުސާމް ހަސަންގެ އިރުޝާދުގެ ދަށުން ކުޅޭ މިސްރުން އަންނަނީ މި މުބާރާތުގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެމުންނެވެ. ގްރޫޕް ސްޓޭޖުގައި ބެލްޖިއަމާ އެއްވަރުކޮށް، ނިއުޒީލޭންޑާއި އީރާން ބަލިކުރި މިސްރުން ވަނީ ނޮކައުޓް ބުރުގައި ވަރުގަދަ އޮސްޓްރޭލިއާ ޕެނަލްޓީ ޖަހައިގެން ކަޓުވާލައިފައެވެ. މިއީ މިސްރުގެ ތާރީޚުގައި ވޯލްޑް ކަޕްގެ މިހާ ހިސާބަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ފާހަގަކޮށްލެވޭ ތަރިން
މި މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބޭނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށެވެ. މެސީ ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށް، ވޯލްޑް ކަޕްގެ ޖެހިޖެހިގެން ހަތް މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
މިސްރުގެ އުންމީދުތައް ގުޅިފައިވަނީ މުޙައްމަދު ޞަލާޙް އާއެވެ. ޞަލާޙް ވަނީ މި މުބާރާތުގައި އެއް ލަނޑު ޖަހައި ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
ދެޓީމުގެ ލަފާކުރެވޭ ފުރަތަމަ 11
އާޖެންޓީނާ: އެމިލިއާނޯ މާޓީނޭޒް، މޮލީނާ، ރޮމޭރޯ، ލިސަންޑްރޯ މާޓީނޭޒް، ޓަގްލިއަފީކޯ، ޑި ޕޯލް، އެންޒޯ ފެނާންޑޭޒް، މެކް އެލިސްޓަ، މެސީ، އަލްވަރޭޒް އަދި ލައުޓާރޯ މާޓީނޭޒް.
މިސްރު: އަލް ޝެނާވީ، މުޙައްމަދު ހާނީ، ރާމީ ރާބިއާ، އަބްދުލް މޮނަމް، އަޙްމަދު ނަބީލް ކޯކާ، ޙަމްދީ ފަތުޙީ، މަރުވާން އަތިއްޔާ، ޒީޒޯ، ތްރެޒެގޭ، އުމަރު މާމޫޝް އަދި މުޙައްމަދު ޞަލާޙް.
ހެޑް-ޓު-ހެޑް
މިފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ކުރިމަތިލުމުގެ ކުރިން، އާޖެންޓީނާ އާއި މިޞްރުގެ ޤައުމީ ފުޓްބޯޅަ ޓީމު ވަނީ ރަސްމީ ދެ މެޗެއްގައި ބައްދަލުކޮށްފައެވެ. މި ދެ މެޗުންވެސް މޮޅުވެފައިވަނީ އާޖެންޓީނާއެވެ.
މި ދެ ޓީމުގެ ފުރަތަމަ ބައްދަލުވުމަކީ 1928 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގެ ސެމީ ފައިނަލެވެ. އެ މެޗު 6-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކުރިއިރު، މިއީ މިހާތަނަށް މި ދެ ޓީމުގެ މެދުގައި ކުޅެވުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. ދެވަނަ މެޗަކީ 2008 ވަނަ އަހަރު މިޞްރުގެ ގާހިރާގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗެކެވެ. އެ މެޗު އާޖެންޓީނާ ކާމިޔާބުކުރީ 2-0 އިންނެވެ.
ތާރީޚީ ގޮތުން ބަލާއިރު، މިޞްރުގެ ޓީމަށް މިހާތަނަށް އާޖެންޓީނާގެ ކޮޅަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރާ މެޗަކީ ވޯލްޑް ކަޕްގެ ތާރީޚުގައި މި ދެ ޤައުމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
މި މެޗުން މޮޅުވާ ޓީމެއް ކުއާޓަރ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ސްވިޒަލޭންޑާއި ކޮލޮމްބިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އާޖެންޓީނާއަކީ 2002 ވަނަ އަހަރަށްފަހު ކޮންމެ ވޯލްޑް ކަޕެއްގެ ގަދަ 16 އަށް ދަތުރުކޮށްފައިވާ ޓީމަކަށް ވާއިރު، މިސްރު ނިކުންނާނީ އެގައުމުގެ ތާރީޚުގައި އާ ސޮފްހާއެއް ލިޔުމުގެ އަޒުމުގައެވެ.
އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ.
Ads by MACL
